މާލޭގައި ކުނި ނަގާނީ މެންދުރު 12:00 އިން ފެށިގެން މެންދުރު 2:00 އަކަށް ކަމަށް ވެމްކޯއިން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯ އިން ބުނީ ގޭގެގައި އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާއި 2:00 ދެމެދު ކުނި ނެރެދިނުމަށް އެދޭކަމަށެވެ. އަދި އައިސޮލޭޝަންގައި ހުންނަ ގޭގެއިން ކުނި ބޭރަށް ނުނެރުމަށާއި އެކަމަށް ހާއްސަ ޓީމަކުން ގޮސް އެފަދަ ގޭގެއިން ހުންނަ ކުނި ނަގާނެ ކަމަށް ވެމްކޯ އިން ބުނެއެވެ.
ވެމްކޯ އިން ބުނީ އެކުންފުނީގެ ކޯލް ސެންޓަރު 1666 ގެ ހިދުމަތް ހެނދުނު 10:00 އިން ހަވީރު 04:00އަށް ދޭނެ ކަމަށެވެ. އަދި ކޮމާޝަލް ކަސްޓަމަރުންނަށް ހިދުމަތްދޭނީ ހެނދުނު 09:00 އިން މެންދުރު 01:00އަށް ކަމަށް ވެމްކޯ އިން ބުނެއެވެ.
މާލެ އިން އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާ އެކު ވެމްކޯއިން ދެމުން އައި ހިދުމަތްތައް އިއްޔެ މެދުކަނޑާލައިފައިވާ ނަމަވެސް މިއަދު ކުނި އުކައިދިނުމުގެ ހިދުމަތް އަލުން ފަށަން ނިންމާފައެއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ މިހާރު ވެމްކޯއިން ކުރެވެމުންދާ މަސައްކަތް ތަކަކީ ބައެއް ސައިޓްތައް ހުޅުވުމުގެ މަސައްކަތާއި ވެމްކޯގެ ވެހިކަލްތަކާއި އެކަމަށް ބޭނުންވާ އެހެން ތަކެތި ތައްޔާރު ކުރުން ކަމަށްވެސް އާދަމް ވިދާޅުވިއެވެ. އަދި ހާއްސަކޮށް ތިލަފުށި ވަގުތީގޮތުން ހުޅުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.