ގޭގެއިން އެއްކުރާ ކުންޏަށް ހަދަންވީ ގޮތް މެންދުރު ޕްރެސް އަކުން ކިޔާދޭނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު ވިދާޅުވީ މިއަދުގެ މެންދުރު ފަހު ގޭގެއިން ނެރޭ ކުންޏަށް ހަދަންވީ ގޮތް ކިޔައިދޭން ޕްރެސް އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރެސްގައި ތަފްސީލުކޮށް ކިޔައިދޭނެ ކަމަށްވެސް އޭނާ ވިދާޅިވިއެވެ.

މިހާރު ވެމްކޯއިން ކުރެވެމުންދާ މަސައްކަތް ތަކަކީ ބައެއް ސައިޓްތައް ހުޅުވުމުގެ މަސައްކަތާއި ވެމްކޯގެ ވެހިކަލްތަކާއި އެކަމަށް ބޭނުންވާ އެހެން ތަކެތި ތައްޔާރު ކުރުން ކަމަށްވެސް އާދަމް ވިދާޅުވިއެވެ. އަދި ހާއްސަކޮށް ތިލަފުށި ވަގުތީގޮތުން ހުޅުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ކުނި އުކުމުގެ މަސައްކަތް ފެށުމަށް ވެމްކޯއިން ނިންމާފައި ވާއިރު، ވެމްކޯ އިން ދެމުން ދިޔަ ހިދުމަތްތައް އިއްޔެ މެދުކަނޑާލީ ކޮވިޑް-19 ގެ ބަލި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުމާ އެކު، ކަމާ ގުޅޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން މަގުމަތީގެ ހަރަކާތްތައް މަދުކުރުމަށް ކަމަށާއި ނަމަވެސް އެންމެ ގޯސް ހާލަތުގައި ވެސް ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން އަލުން ކުނި ނެގުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައި ވާއިރު، މި ދަނޑިވަޅުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާ އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ބަންދު ކުރުމަށް ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.