ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން ފެނުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވެމްކޯގެ ހުރިހާ ހިދުމަތެއް ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް މިއަދުން ފެށިގެން ވެމްކޯގެ ހިދުމަތްތައް ދޭން ފަށާނެ ކަމަށް ވެމްކޯގެ ޖެނަރަލް މެނޭޖާ އޮޕަރޭޝަން އަހުމަދު ޝާފިއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޝާފިއު ވިދާޅުވީ، ވެމްކޯ އިން ދެމުން ދިޔަ ހިދުމަތްތައް އިއްޔެ މެދުކަނޑާލީ ކޮވިޑް-19 ގެ ބަލި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުމާ އެކު، ކަމާ ގުޅޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން މަގުމަތީގެ ހަރަކާތްތައް މަދުކުރުމަށް ކަމަށެވެ. ނަމަވެސް އެންމެ ގޯސް ހާލަތުގައި ވެސް ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވެމްކޯގެ ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ތައްޔާރު ކޮށްފައި އޮތީ ހުރިހާ ލެވެލްތަކުގައި ރިސްކް ލެވެލް ލޯ އިން ފެށިގެން އެންމެ ހައިވާ ހިސާބަށް ވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އަދި ވެމްކޯގެ އެއްވެސް ހިދުމަތެއް ހުއްޓާލުމުގެ ޕްލޭނެއް ނެތް ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
ކުނި އެންމެ ރައްކާތެރި ގޮތުގައި މެނޭޖް ނުކޮށްފި ނަމަ މުޖުތަމައުގެ ހާލަތު ގޯހުން ގޯހައް ދާނެ ކަމަށާއި ކުނި މެނޭޖް ކުރުމަކީ ކޮވިޑް-19އާ ގުޅިގެން ވަރަށް ހާއްސަ ކަމެއް ދެވިފައިވާ ކަމެއް ކަން ވެސް ޝާފިއު ފާހަގަ ކުރެއްވިއެވެ. އެގޮތުން ހުރިހާ އިދާރާ އަކުން ވެސް ކުނި މެނޭޖު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.
ވެމްކޯއިން އަލުން ކުނި ނެގުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައި ވާއިރު، މި ދަނޑިވަޅުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާ އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ބަންދު ކުރުމަށް ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.