ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސްގެ ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝުން ހަދިޔާ ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެހީގެ ޝިޕްމަންޓެއް ހިފައިގެން ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއް ރާއްޖެއަށް އައުމަށް އިއްޔެ ފުރާފައިވާ ކަމަށާއި ބަންގްލަދޭޝުން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނޭ ކަމަށެވެ.
އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރާ ކަމަށާއި އެ އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ ގޮތުންނާއި ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މިދިޔަ ދެ ހަފްތާ ތެރޭ ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ގުޅުއްވައި ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ.
ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އަސަރުކޮށްފައި ވާ މި ދަނޑިވަޅުގައި މިފަދަ އެހީތެރިކަމެއް ބަންގްލަދޭޝުން ފޯރުކޮށްދޭތީ ދިވެހި ސަރުކާރުން ވަނީ ޝުުކުރު އަދާކޮށްފައެވެ.