ކޮވިޑް-19 އާ ގުޅިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރުމުން ރައްޔިތުންނަށް ލަސްކުރުމެއް ނެތި މައުލޫމާތު ހިއްސާކުރުމަށް ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، ރާއްޖޭގައި ޕޮޒިޓިވްވެފައިވާ ފަރާތަކާއި ކޮންޓެކްޓެއް ނެތި މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑަކަށް ހިނގައިދާނެކަމަށް 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައިވާ އިރު ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ލަސްކުރުމެއް ނެތި ވަގުތުން ވަގުތަށް ހާމަކުރަމުން ގެންދިއުމަކީ ވެސް މުހިއްމު ކަމެއް ކަމުގައި ފާހަގަކުރާ ކަމަށެވެ. އަދި މި ހާލަތުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކުގައިވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތް ތަކެއް އިހްތިޔާރުކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު އެ ކޯލިޝަނުން ވަނީ މިހާރު ރާއްޖޭގައި ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭއާއި ކަމާ ގުޅޭ ފަރާތްތަކުން ދެމުންދާ ސިއްހީ އިރުޝާދުތަކަށް، ރައްޔިތުން ކިޔަމަންތެރިކަމާއި ކެތްތެރިކަމާއެކު ތަބާވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާލަތުން އަރައިގަތުމަށް އެންމެ އިސްކަމެއް ދޭންޖެހޭނީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް އެ ކޯލިޝަނުން ފާހަގަކުރަމުން ބުނީ، ސަރުކާރުން މި ކާރިސާއާ ގުޅިގެން އަޅާ ފިޔަވަޅުތަކުގައި އެ ކޯލިޝަނުން އެއްބާރުލުން ދޭނެ ކަމަށެވެ.

ކ. ކާށިދޫ ވެސް މޮނިޓަރިންގް ހާލަތުގައި އޮތުމާއެކު އަތޮޅުތެރޭގައި އަޅަމުންދާ ފިޔަވަޅުތަކާ މެދުވެސް ރައްޔިތުންގެ މެދުގައި ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެން ނުދާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަމކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ކޯލިޝަނުން ފާހަގަކުރެއެެވެ. އަދި މި ހާލަތުގައި ދައުލަތަށް ލިބިފައިވާ ހުރިހާ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުންކުރުމަށާއި އެއްވެސް ތަފާތު ކުރުމެއް ނެތި އެންމެހާ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

މީގެ އިތުރުން މި ކާރިސާއާ ގުޅިގެން އެންމެ އިސްސަފުގައި މަސައްކަތް ކުރާ ފަރާތްތަށް ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށާއި އެ ފަރާތްތަކުގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.