ބޭރަށް ނުގޮސް ގޭގައި ތިބެގެން އޮންލައިންކޮށް ތަކެތި ގަނެވޭނެ އެޕަކާއި ޒަރޫރީ ބޭނުމަށް ބޭރަށް ނުކުންނަ ނަމަ ގުޅޭނެ ނަންބަރެއް ސަރުކާރުން ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ ޒަރޫރީ ބޭނުމެއްގައި ނުކުންނަނަމަ ޕޮލިސް ކޮމާންޑް ސެންޓަރުގެ ނަންބަރެއް ހަމަޖައްސާފައިވާ ކަމަށާއި އެ ނަންބަރަށް ގުޅުމަށް ފަހު އަމަލު ކުރުމަށް ބުނާ އުސޫލުގެ ދަށުން އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ޒަރޫރީ ބޭނުމަކަށް ގުޅުމަށް ދީފައިވާ ނަންބަރަކީ 3034444 އެވެ.
މީގެ އިތުރުން ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން ވަނީ ބޭރަށް ނުގޮސް ގޭގައި ތިބެގެން އޮންލައިން ކޮށް ތަކެތި ގަނެވޭނެ އެޕެއް https://faseyhagulhun.malecity.gov.mv/ "ފަސޭހަ ގުޅުން" ގެ ނަމުގައި ތައާރަފް ކޮށްފައެވެ. އެ އެޕުން ތަކެތި އޮންލައިން ކޮށް ގަތުމުގެ އިތުރުން ކޮންމެ ގަޑިއެއްގައިވެސް "ފުޑް ޑެލިވަރީ" ލިބެން ހުންނާނެ ކަމަށެވެ. އަދި މި އެޕްގައި ފިހާރަތަކާއި ކާ ތަކެތި ވިއްކާ ފަރާތްތަކަށް ރަޖިސްޓާ ވުމަށްވެސް ވަނީ ހުޅުވާލާފައެވެ.
މާލެއިން މިއަދު ވަނީ ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައެވެ. އެކަމާ ގުޅިގެން މެންދުރުން ފެށިގެން 24 ގަޑިއިރުގެ ލޮކްޑައުން އެއް ދަނީ ހިނގަމުންނެވެ. އެއީ މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމަށް ކަމަށް ވާއިރު ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު، އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.
މިފަދަ ދަނޑިވަޅެއްގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުދިއުމަށް ސަރުކާރާއި ސިއްހީ މާހިރުން ދަނީ ގޮވާލަމުންނެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާރު ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 21 މީހެކެވެ. އެއީ 15 ބިދޭސީންނާއި 6 ދިވެހިންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ.