ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ ނަމަ ހޯމް އައިސޮލޭޝަނަށް ދާން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން އާންމުންނަށް މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓާ އަމީން ވިދާޅުވީ މި ބަލީގައި ވަކި ބަޔަކަށް ރިސްކް ތަފާތު ނުވާ ކަމަށާއި އަމަލު ކުރެވެމުން މިހާތަނަށް ގޮސްފައި ވަނީ ސިއްހީ މާހިރުންގެ ލަފަޔާ އެކު ކަމަށެޗެ.

އަދި ގިނަ އަދަދެއްގެ މީހުންނަށް މި ބަލި ޖެހިއްޖެ ހާލަތެއްގައި ކަންތަށް ކުރާނެ ގޮތް ވަނީ ކަނޑައެޅިފައި ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"މި ދަނީ، އެ މަސައްކަތް ތަކުގެ ތެރޭގައި ދޭ އިރުޝާދާއި އެކީ މަސައްކަތް ކުރުމުން މިފަދަ ހާލަތެއްގައި ރިސްކެއް އައުމުގެ ފުރުސަތު ކުޑަ، އެހެން ނަމަވެސް މި ބަލީގެ ގޮތުން އަޅުގަނޑުމެން ކޮންމެ ހާލަތެއްގައިވެސް މި ރިސްކް އޮންނާނެތީ ރިސްކަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަށް، މި ފާއިތުވި 3 މަސް ދުވަހު ފުލުހުންނާއި ސިފައިން ވަރަށް ބުރަ މަސައކަތެއް ކުރެއްވި، ސިއްހީ ގަރާތްތަކާއި އެކަމުގައި އުޅުއްވާ ބޭފުޅުންވެސް އެ އޮންނަ އުސޫލުގެ ދަށުން މަސައްކަތް ކުރަމުންދަނީ އެހެން ނަމަވެސް ކޮމިއުނިޓީ ސްޕްރެށް އެއް އައިސް ފެތުރިގެން ހިނގައްޖެ ހާލަތެއްގައި، ގިނަ ބަޔަކަށް މި ޕޮޒިޓިވް ވެ މި ގިނަ ބަޔަކަށް މި ބަލި ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތްތައް މިހާރުވެސް ވަނީ ކަނޑައަޅާފަ، އެއަށް އަންނަ ބަދަލުތައް ރައްޔިތުންނަށް ހާމަ ކުރާނަން، ވަކި ވަރަކަށްވުރެ ގިނަވަންޔާ، ހޯމް އައިސޮލްޭޝަނަށް ވެސް ލާނެ ލާން ޖެހިއްޖެ ހާލަތެއްގައި، އަދި ވަރަށް ގިނަ ބަޔަކު ޕޮޒިޓިވްވެއްޖެ ހާލަތެއްގައި، އަމަލު ކުރެވޭނެ ގޮތްވެސް ވަނީ ކަނޑައެޅިފަ"
އަމީން

މީގެ އިތުރުން އަމީން ވިދާލުވީ މި ބަލީގައި ފަރުދީ ޒިންމާއެއްގެ ގޮތުން ދެވޭނެ ފަރުވާއަކީ ގޭގައި ތިބުން ކަމަށާއި އިޖުތިމާއީ ގައިދުރުކަން ކަމަށެވެ. މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުނު ކަމުގައިވީ ނަމަވެސް، ބައްޔަށް ޕޮޒިޓިވްވި ކަމުގައިވީ ނަމަވެސް ތަފާތުކުރުމެއްނެތި ފަރުވާގެ ކަންކަން އިންތިޒާމުކުރާނެ ކަމަށާއި ތަފާތުކުރުމެއްނެތި އެ ބަޔަކާ ދޭތެރޭގައި އޯގާތެރި ނަޒަރުން ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.