ތޮއްޖެހިގެން ވިޔަފާރި ކުރަން ނުދިއުމަށާއި ގޭގައި ތިބެގެން ގެއަށް ބޭނުންވާ ތަކެތި ގަތުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިލްތިމާސް ކުރައްވައިފިއެވެ.

އަމްރު މިގޮތަށް ވިދާޅުވީ މާލެއިން މިއަދު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ސަރުކާރުން އަޅާފާނެ ފިޔަވަޅުތަކަށް ބަލާ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެސްޓީއޯ ސުޕަމާޓަށް ތަކެތި ގަތުމަށް ގޮސްފައި ތިބުމުންނެވެ.

މިކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ގޭގަ ތިބެގެން އެސްޓީއޮގެ ސުޕަމާޓުން ބޭނުން ހުރިހާ އެއްޗެއް ގަނެވޭނެ ކަމަށާއި، އަދި އެ ތަކެތި ގެއާ ހަމަޔަށް ޑެލިވަރީވެސް ކޮށްދޭނެ ކަމަށެވެ. އަދި ތޮއްޖެހިގެން އެތަކެތި ނުގަތުމަށް އަމްރުވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް އިތުރަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ވަނީ، އެކުންފުނީގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުގެ ގިނަ ތަކެތި އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެސްޓީއޯއިން ބުނީ، އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނަ ތަކެތި އެކުންފުނީގެ އީ-ސްޓޯ ވެބްސައިޓު މެދުވެރިކޮށް، އޮންލައިންކޮށް ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އީ-ސްޓޯއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި، ކޮސްމެޓިކްސްއާ، ކާބޯތަކެއްޗާއި، ކުޑަކުދިންނަށް ބޭނުންވާ ތަކެތީގެ އިތުރުން އެހެނިހެން ސާމާނުތައްވެސް ހިމެނެއެވެ.

އެސްޓީއޯއިން ބުނީ އޮންލައިންކޮށް ގަންނަ ތަކެތި ޑެލިވަރީކޮށްދޭނެ ކަމަށެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލެއަށްވެސް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ފައިސާ ދެއްކުމުގެ ކުރިން ކަސްޓަމަރުންގެ މައުލޫމާތާއި، ޑެލިވަރީގެ ހިދުމަތް ބޭނުންނަމަ ޑެލިވާކުރަން ބޭނުންވާ އެޑްރެސްގެ މައުލޫމާތު ދިނުމުގެ ފުރުސަތު ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި ބޭނުން ނަމަ އޮންލައިންކޮށް ގަންނަ ތަކެތި ބަލާ އަމިއްލައަށްވެސް ދެވިދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރަށް ކޮވިޑް19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގޮސްފިނަމަ ވިޔަފާރިތަކުގެ ތެރެއިން ޑެލިވަރީގެ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތައް މާލެ ސިޓީ ކައުންސިލުގައި ރަޖިސްޓާ ވުމަށް ވަނީ އެދިފައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، ކޮވިޑް19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގޮސްފިނަމަ ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ފިހާރަތަކާއި، ހޮޓާ އަދި ރެސްޓޯރަންޓްތައް އެ ކައުންސިލުގައި ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ޑެލިވަރީގެ ހިދުމަތްދޭން ބޭނުންވާ ވިޔަފާރިތަކުން، ސިޓީ ކައުންސިލުގެ ވެބްސައިޓުން އެކަމަށް ރަޖިސްޓްރީވުމަށް އެ ކައުންސިލުންވަނީ އެދިފައެވެ.

ސިޓީ ކައުންސިލުން ބުނީ ލޮކްޑައުންގެ ހާލަތުގައިވެސް ވިޔަފާރިތަކުން ޑެލިވާކުރުމުގެ ހިދުމަތްދީ އަދި މާލެ ސަރަހައްދުން ލިބޭނެ ތަންތަން އެނގުމުން އާންމުންނަށް ފަސޭހަވާނެ ކަމަށެވެ. އަދި ޗާޓެއްގެ ޒަރިއްޔާއިން އެފަދަ ތަންތަން އާންމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ.