ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހަމައެއާއެކު ބައެއް ގައުމުތަކުގައި ތިބި ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޮނުވުމުގައި ދިވެހި ސަރުކާރުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ދިވެހިންނަށް އެހީވުމުގައި، ހާއްސަކޮށް ދިވެހިން ރާއްޖެއަށް ގެނައުމަށް 5.1 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު އަދިވެސް ރާއްޖެ ނާދެވޭ އެތައް ދިވެހިންނެއް ބޭރު ގައުމުތަކުގައި އެބަ ތިއްބެވެ. އެގޮތުން ފާހަގަ ކުރެވޭ އެއް ގައުމަކީ ޔޫރަޕުގައި ހިމެނޭ ބެލަރުސްއެވެ. އެގަމަކީ ކޮވިޑާ ގުޅިގެން އެއްވެސް ފިޔަވަޅެއް މިއަދާ ހަމައަށް އަޅާފައިވާ ގައުމަކަށް ނުވާއިރު އެ ގައުމުގައި ތިބި 100 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަން ހާމަވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ގައުމުގައި ތައުލީމު ހާސިލް ކުރަމުންދާ ދިވެހި ދަރިވަރެއް ބުނީ، ބެލަރުސްގައި ހުންނަ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވާސީޓީގައި ޖުމްލަ 94 ދިވެހި ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. ހަމައެއާއެކު ވިޓެބްސްކް ޔުނިވާސިޓީ އަދި ގޮމޮލް ސްޓޭޓް ޔުނިވާސިޓީގައި ވެސް ދިވެހި ދަރިވަރުން ކިޔަވަމުންދާ ކަމަށް އޭނާ ބުނެއެވެ. ގާތްގަނޑަކަށް އެގައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 130 އަށް ވުރެ މައްޗަށް އަރާނެ ކަމަށާއި އެ ކުދިން ތިބީ ބިރުވެރިކަމާއި ހާސްކަމެއްގެ ތެރޭގައި ކަމަށް ދަރިވަރަކު ކިޔައިދިނެވެ.

މިއަދާ ހަމައަށް އައި އަިރު އެ ގައުމުގައި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ވުމަށް އެއްވެސް ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށާއި އެ ގައުމުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދާއިރު ވެސް ގެއިން ބޭރަށް މީހުން ނުކުމެ އުޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު އެކި ގައުމުތަކުގެ ފޮރިން މިނިސްޓްރީންނާއި އެކި ގައުމުތަކުގެ ދަރިވަރުންވެސް ވަނީ ކޮލެޖްތަކުން ކިޔަވައި ދިނުމުގައި ދުރުމިން ބެހެއްޓުމަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ އުސޫލުތައް ގާއިމް ކޮށްދިނުމަށް އެެދި ދަންނަވާފައި ކަމަށް އޭނާ ބުނެއެވެ.

ބެލަރުސްގައި ހުންނަ ގްރޮޑްނޯ ސްޓޭޓް ޔުނިވާސީޓީގައި ކިޔަވާ ދަރިވަރުންތަކެއް / ފޮޓޯ: އޮބްސާވާ އެޑިއުކޭޝަން
"ބަލި ޖެހިފައިވާ މީހުން ކަރަންޓީން ކުރޭ. ކުޑަކުދިން ބޭރަށް ނުކުމެ ކުޅެން އުޅޭ. އުމުރުން ދުވަސްވީ މީހުން ކޮންމެ ދުވަހަކުން ހިނގަން ދޭ. އެއްވެސް ގޮތަކަށް މީހުން ބޭރަށް ނުދިއުމަކަށް ނާންގާ. ބުނަނީ ސާފު ވައި ހޯދަން ބޭރަށް ދާށޭ. އެހެންވީމަ ފިހާރަތަކަށް ގޮސް ޒަރޫރީ ތަކެތި ގަންނަން ދަނީ ވަރަށް ބިރުން ތިބެ. ދެ ހަފްތާއަށް ވާވަރަށް އެއްޗެހި ގަނެގެން އައިސް މި ތިބެނީ ގެއިން ބޭރަށް ނުގޮސް."
ބެލަރޫސްގައި ހުރި ދިވެހި ދަރިވަރެއް

އެގޮތުން ފުރަތަމަ ބައެއް ކްލާސްތައް މެދުކަނޑާލި ނަމަވެސް ބައެއް މޭޖާ ކްލާސަތަކަށް ޔުނިވާސިޓީއަށް އެ ދަރިވަރުން ދާން ޖެހުނެވެ. އެންމެފަހުން މި މަހުގެ 6 ވަނަ ދުވަހު ގޭގައި ތިބެގެން ކްލާސްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ޔުނިވާސިޓީ ތަކުން ވަނީ ހަމަޖައްސާފައެވެ.

ކޮވިޑްގެ މިހާރުގެ ހާލަތަށް ބަލާއިރު ބެލަރުސްގައި ބަލިޖެހޭ މީހުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުން ކަމަށް އެ ގައުމުގައި ތިބި ދަރިވަރުން ބުނެއެވެ. ބަލިޖެހޭ ފަރާތްތައް ކަރަންޓީންގައި ބެއިތިއްބި ނަމަވެސް ކަމަށާއި ކުޑަކުދިން ބޭރަށް ނުކުމެ ކުޅެން އުޅޭ އިރު ދޮށީ އުމުރުގެ މީހުން ހިނގާލަން ދިއުމާއި އެފަދަ ކަންކަން ހުއްޓުމަކަށް ނުގެންނަކަމީ އެ ގައުމުގައި ކިޔަވަން ތިބި ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކޮރޯނާގެ ކޭސްތައް އިތުރުވެފައިވާ މިންވަރަށް ބާލާއިރު ބެލަރުސްގައި މި މަހުގެ 4 ވަނަ ދުވަހު މި ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 89 ކަމަށާއި އަދި މި މަހުގެ 12 ވަނަ ދުވަހު ޖުމްލަ ކޭސްގެ އަދަދީ 2578 ކަމަށް ދަރިވަރުން ކިޔައިދިނެވެ. އޭޕްރީލް 4 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު 100 އަށް ވުރެ ކޭސް އިތުރުވަމުން އައިސްފައިވާ އިރު އެ ކުދިން ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށް ބުނެއެވެ. އެ ގައުމުގައި ގިނަ މީހުން ވާހަކަ ދައްކަނީ ރަޝިއާ ބަހުން ކަމަށް ވާތީ މީހުންނާ ވާހަކަދައްކާ މުއާމަލާތް ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށް ދަރިވަރުން ބުނެއެވެ. އަދި އެ ކޭސްތައް ފެންނަ ސަރަހައްދުތައް ބަލަން މަސައްކަތް ކުރުމުންވެސް އެކަމުގެ ތަފްސީލްވެސް ނުލިބޭތީ އެ ދަރިވަރުންގެ ކަންބޮޑުވުން އިތުރުވަމުން ދާ ކަމަށް ބުނެއެވެ.

"އަޅުގަނޑު އަތުގައި އެވަރަށް މާސްކެއްވެސް ނެތް. ދެ ހަފްތާއަށް ވާވަރަށް ކާއެތިކޮޅު ގަނެގެން ތިއްބަސް މަސްދުވަހަށް ވާވަރަށް އެއްޗެހި ގަނެ ވައްދާ ބެހެއްޓޭކަށް ނެތް. ދެން އެއްޗެހި ހުސްވީމަ ނުކުންނަން ޖެހޭނީ. ނުކުންނަށް ވަރަށް ބިރުގަނޭ. ސަބަބަކީ އަޅުގަނޑަކީ އެސްތަމާ ހުންނަ މީހެއް. ރާއްޖެއިން ބޭރުގައި ހުރެ ބަލިވުމަށްވުރެ އަމިއްލަ ފަސްގަނޑުގައި ހުރެ ބަލިވުން މާ ރަނގަޅު"
ބެލަރޫސްގައި ހުރި ދިވެހި ދަރިވަރެއް

ބެލަރުސްގައި ތިބި ގިނަ ދަރިވަރުން ރާއްޖެއަށް ދާން ބޭނުންވެފައި ތިބި ކަމަށާއި މިފަދަ ވަގުތެއްގައި އާއިލާއާ ދުރުގައި ތިބުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެ ދަރިވަރުން ބުނެއެވެ. އެހެންކަމުން ރާއްޖެއަށް އެނބުރިގޮސް ތިބެ އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަށް އެދި ޔުނިވާސިޓީގައި އެ ދަރިވަރުން ވަނީ އެދިފައެވެ. އެ ކަމަށް ޔުނިވާސިޓީން މިހާރު ހުއްދަ ލިބިފައި ވާއިރު އެ ދަރިވަރުން ތިބީ ރާއްޖެއަށް އަންނަން ބޭނުންވެފައެވެ. މިވަގުތު ބެލަރުސްގެ ވަށައިގެންވާ ހުރިހާ ބޯޑަރުތަކެއް ބަންދު ކޮށްފައި ވާއިރު އެ ދަރިވަރުން ރާއްޖެއަށް އައުމަށް ކަން ކުރަން ޖެހޭ ގޮތް އަދި ސާފުނުވާ ކަމަށްވެސް އެ ދަރިވަރުން ބުނެއެވެ.

ބެލަރުސްގައި ތިބި ދަރިވަރުން ތިބީ ރާއްޖެއާ ހަމައަށް އާދެވޭނެ ފްލައިޓެއް އޮތިއްޔާ އެ ޗާޓަރު ކޮށްގެންވެސް އަންނަން ބޭނުންވެފައެވެ.

ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ބަޔާން ކުރައްވަމުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ބެލަރުސްގައި ތިބި ދަރިވަރުންގެ ކަންކަން ބަލަމުން ދަނީ ޖަރުމަނު އެމްބަސީ މެދުވެރިކޮށް ކަމަށެވެ. އެގޮތުން އެ ގައުމުގައި ތިބި ހުރިހާ ކުދިން އައިޑެންޓިފައި ކުރެވިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މިހާރު ބެލަރުސްގައި ތިބި ދަރިވަރުން ދަނީ ފްލައިޓް ރޫޓްސް ބަލަމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ބެލަރުސްގައި ކޮވިޑް-19 ޖެހިފައިވަނީ ޖުމްލަ 3151 ފަރާތަކަށެވެ. މިވަގުތު ކޮވިޑަށް ފަރުވާ ކުރަމުންދަނީ ޖުމްލަ 2919 ފަރާތެކެވެ. ބަލިން ރަނގަޅުވެފައި ވަނީ 203 ފަރާތެކެވެ. އަދި ބަލި ޖެހިގެން މަރުވެފައިވަނީ 29 ފަރާތެކެވެ.