ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ޕާކިސްތާނުން އަޅަމުންދާ ފިޔަވަޅުތަކުގެތެރެއިން، އެގައުމުގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުން އަމުރުގެ މުހުލަތު އިތުރު ކުރުމަށް ނިންމައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ، ޕާކިސްތާނުގެ ލޮކްޑައުން މުހުލަތަށް އަދި 2 ހަފުތާ އިތުރު ކުރައްވާފައެވެ.

ލޮކްޑައުން އަމުރުގެ މުހުލަތު އިތުރު ކުރި ކަމުގައި ވީ ނަމަވެސް، މާދަމާއިން ފަށައިގެން އެގައުމުގައި އުމްރާނީ ބިނާވެށީގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެނޫން ވިޔަފާރިތަކާ، ދަތުރުފަތުރުގެ ހިދުމަތްތަކާ، ސްކޫލްތަކާ އާންމު ތަންތަން، މިމަހުގެ 30ގެ ނިޔަލަށް ބަންދުވާނެ ކަމަށް މައުލުމާތު ލިބެއެވެ.

ޓީވީ މެދުވެރިކުރައްވާ ގައުމާ މުހާތަބުކުރައްވަމުން އިމްރާން ވިދާޅުވީ، ހާލަތަށް ރިއާޔަތްކޮށް ލޮކްޑައުންގެ އުސޫލުތަކަށް ބަދަލު ގެނައުމުބާރު، ޕްރޮވިންޝަލް ސަރުކާރުތަކަށް ލިބިގެންވާނެ ކަމަށެވެ.

ޕާކިސްތާނުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން 5837 މީހަކު މިހާރު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 96 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.