މަސައްކަތް ކުރަން ރާއްޖެއަށް ގެންނަ ބިދޭސީންގެ ތެރެއިން ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތު މީހުންނަށް އެ ގައުމުގެ ސަރުކާރުން އެހީގެ ތަކެއްޗާއެކު ބޯތެއް ފޮނުވަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންގްލަދޭޝްގެ ޑާކާއިން އެހީގެ ތަކެއްޗާއެކު ފިނުވާ ބޯޓު ރާއްޖެ އަންނާނި މި މަހުގެ 20 ވަނަ ދުވަހުގައެވެ. ބަންގްލަދޭޝް ހައި ކޮމިޝަނާ ހަވާލާދީ އޮންލައިން ނޫހަކުން ބުނެފައިވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތު މީހުންނަށް އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެވޭނީ ދެ ދުވަހެއްވަރު ފަހުން ކަމަށެވެ.

ރޭގެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެތަނުގައި ތިބި ދިވެހިން ގެނެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށެވެ.

ބަންގްލަދޭޝްގެ ނޫސް ޑާކާ ޓްރިބިއުންގައި، އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމެންޓް މިނިސްޓްރީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެހީ ބޭނުންވާ މިންވަރު އެކުލަވާލީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ދީފައިވާ މައުލޫމާތުގެ މައްޗަށެވެ. ޑިޒާސްޓާ މިނިސްޓްރީގެ ސީނިއާ ސެކްރެޓަރީ އެމްޑީ ޝާހް ކަމާލް ވިދާޅުވެފައި ވަނީ ރާއްޖޭގައި ޕޮޒިޓިވް ވެފައިވަނީ ކިތައް ބަންގްލަދޭޝް މީހުން ކަމެއް އަދި ޔަނީން ނުވާ ކަމަށާއި އަދި އެމީހުންނަށް އެހީ ބޭނުންވާ މިންވަރެއް ވެސް ނޭނގޭ ކަމަށެވެ.

މާލޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ހާލަތު ބަލައި މިހާރު ދިވެހި ސަރުކާރުން ދަނީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ މީހުން އެޗްޑީސީން ހަމަޖައްސާފައިވާ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި 1 ލައްކައަށް ވުރެ ގިނަ ބިދޭސީ މަސައްކަތް ތެރިން އުޅޭ އިރު އޭގެތެރޭގައި އެންމެ ގިންއިން އުޅެނީ ބަންގްލަދޭޝް މަސައްކަތް ތެރިންނެވެ.