މިދިޔަ މާޗު މަހު ދައުލަތަށް ލިބުނު ޓެކްސްގެ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 26.9 ޕަސެންޓް ދަށްވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މާޗު މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާޗު މަހު އެ އޮތޯރިޓީ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.11 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ އަކީ 49.2 މިލިއަން ކަމަށް މީރާ އިން ބުނެއެވެ.

މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. މާޗުމަހު ލިބުނު އާމްދަނީގެ 57 ޕަސެންޓަކީ ޖީއެސްޓީން ލިބުނު އާމްދަނީއެވެ. ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 637.67 މިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 94.44 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އާމްދަނީގެ 12 ޕަސެންޓް ހިއްސާ ކުރަނީ ބީޕީޓީން ލިބުނު އާމްދަނީއެވެ. ބީޕީޓީ އިން 81.38 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 56.69 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މި މުއްދަތުގައި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ އަކީވެސް ޖުމްލަ އާމްދަނީގެ 12 ޕަސެންޓެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މާޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 74.04 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި 58.96 މިލިއަން ރުފިޔާ ލިބިފައިވެއެވެ.