ތަފާތު އެކި މައްސަލަތަކުގައި ބޮޑެތި ގައުމުތަކަކުން ހޯދަން ބޭނުންވެގެން އުޅުނު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖު، އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގެ ހިމާޔަތުގައި ހުރި ދުވަސްވަރު، އޭނާއަށް ދެ ދަރިން ވިހޭ ކަމަށް ސްޓެލާ މޮރިސް ހާމަކޮށްފިއެވެ.
ސްޓެލާ މޮރިސް ބުނާ ގޮތުގައި އަސާންޖްއާއި އޭނާއާ ދެމެދު ގުޅުމެއް ފެށުނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން 2 ފަހަރެއްގެ މަތިން އަސާންޖުގެ ދަރިއަކަށް ބަލިވެ އިނދެ، 2 ފިރިހެން ކުދިން ވިހާފައި ވާކަން ސްޓެލާ ވަނީ ހާމަކޮށްފައެވެ.
އޭނާ މި ވާހަކަތައް ހާމަކޮށްފައި ވަނީ، އިކުއެޑޯ އެމްބަސީން ދެމުން ދިޔަ ސިޔާސީ ހިމާޔަތް ހުއްޓާލުމާއެކު އަސާންޖު ބަދަލުކޮށްފައިވާ އިނގިރޭސިވިލާތުގެ ބެލްމާޝް ޖަލުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ބެލްމާޝް ޖަލަށް އަސާންޖު ބަދަލުކުރިތާ އަހަރެއްހާ ދުވަސްވާއިރު، އޭނާ ދަނީ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ބުނެ، ކަފާލާތުގެ ދަށުން މިނިވަންވުމަށް މަސައްކަތް ކުރަމުންނެވެ.
އަސާންޖުގެ ދަރިންގެ މަންމަ ކަމަށް ބުނާ ސްޓެލާ އަކީ ދެކުނު އެފްރިކާއަށް އުފަން، ގާނޫނީ ވަކީލެކެވެ. އިނގިރޭސި މީޑިއާއަށް މައުލޫމާތު ދެމުން ސްޓެލާ ބުނީ އޭނާއާއި އަސާންޖުގެ ގުޅުމުގެ ވާހަކަ މީޑިއާއަށް ހާމަކުރަންޖެހުނީ މަރުގެ ތުންފަތް މަތީގައި ފުރާނަ އޮތުމުން ކަމަށާ، އަސާންޖަށް ކޮވިޑް-19 ޖެހިއްޖެނަމަ ސަލާމަތްވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޔޫޓިއުބްއަށް ދޫކޮށްލާފައިވާ ވީޑިއޯއެއްގައި ސްޓެލާ ބުނާ ގޮތުގައި، އޭނާއާއި އަސާންޖު އެންމެ ފުރަތަމަ ދިމާވެފައިވަނީ، އަސާންޖުގެ ލީގަލް ޓީމުގެ މެންބަރެއްގެ ގޮތުގައި 2011 ވަނަ އަހަރު ކަމަށެވެ.
އިކުއެޑޯ އެމްބަސީގެ ހިމާޔަތަށް އަސާންޖު ދިޔައީ 2012 ވަނަ އަހަރުއެވެ. އޭރުވެސް ކޮންމެ ދުވަހަކުހެން އަސާންޖުގެ ހާލު ބެލުމަށް އެމްބަސީއަށް ދާކަމަށް ސްޓެލާ ބުނެއެވެ. އަދި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ 2015 ވަނަ އަހަރުކަމަށްވެސް ސްޓެލާ ބުނެއެވެ.
ސްޓެލާ އިތުރަށް ކިޔައިދީފައިވާ ގޮތުގައި 2 ކުދިން އުފަންވި މަންޒަރު އަސާންޖު ބަލާފައި ވަނީ އެމްބަސީގައި ހުރެ، ވީޑިއޯ ލިންކެއް މެދުވެރިކޮށް ކަމަށެވެ. އަދި އެމްބަސީގައި 2 ކުދިންނާ އަސާންޖު ބައްދަލުވެސް ކޮށްފައިވާކަމަށް ސްޓެލާ ބުނެއެވެ. އެހެން ނޫނީ ވީޑިއޯ މެދުވެރިކޮށް ބައްޕައާއި 2 ދަރިން ބައްދަލުކުރާ ކަމަށް ސްޓެލާ ވަނީ ހާމަކޮށްފައެވެ.
ސްޓޭލާއަށް އުފަންވި އަސާންޖުގެ ދަރިންގެ އުމުރަކީ 3 އަހަރާއި 1 އަހަރެވެ. މި ނޫނަސް އަސާންޖުގެ ދަރިން ތިބޭކަމަށް މީޑިއާގައި ޚަބަރު ފެތުރިފައިވެއެވެ. އެގޮތުން އޮސްޓްރޭލިއާގައި ސޮފްޓްވެއާ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތްކުރާ ޑެނިއަލް އަސާންޖްއަކީވެސް ޖޫލިއަން އަސާންޖުގެ ދަރިއެއްކަމަށް ބުނެވެއެވެ.