ކުރެއްދޫ ރިސޯޓުގެ ހުރިހާ މުވައްޒަފުން ޓެސްޓު ކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19ގެ އެންމެފަހުން މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ އިންކިއުބޭޝަން ޕީރިއަޑް ހަމަވެފައި ވާއިރު، އެ ރިސޯޓުން މީހުންނަށް ފޭބޭނީ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ކަމަށެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ރިސޯޓެވެ. އަދި އެހެންމެ އެ ރިސޯޓުގައި އެހެން ތަންތަނާއި ހިލާފަށް އިމްޕޯޓްވި ޕޮޒިޓިވް ކޭސް އަކުން ވަނީ ލޯކަލް ޓްރާންސްމިޝަން ހިނގާ 5 މީހަކަށް މިބަލި ޖެހިފައެވެ.

މަބްރޫކް ވިދާޅުވީ، ކުރެއްދޫގައި ތިބި އެންމެން ޓެސްޓު ކުރުމަށް ނިންމާފައި ވަނީ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފައާ އެކު ކަމަށެވެ. ކުރެއްދޫގައި މިހާރު ތިބީ އެ ރިސޯޓުގައި މަސައްކަތް ކުރާ 709 ސްޓާފުންނެވެ. އެ އެންމެނަށް ވެސް އެރަށުން ފޭބޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް، ނެގެޓިވްވެއްޖެ ނަމައެވެ.

ރާއްޖޭގައި 20 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 5 މީހުންނަކީ ދިވެހިންނެވެ، އަދި ބާކީ 15 ބިދޭސީން ތިބި އިރު، އޭގެ ތެރެއިން 5 މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި މީހުންނެވެ.