މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ހަނގުރާމަތައް ހުއްޓުމަކަށް ގެނެސް، ދިރިއުޅުމުގެ "ހަގީގީ ހަނގުރާމަ"އާ ކުރިމަތިލުމަށް ފުރުސަތު ދިނުމަށް އދގެ މެދުއިރުމަތީ މަންދޫބުން ގޮވާލައްވައިފިއެވެ.

މެދުއިރުމަތީގެ ގައުމުތަކުގައި ހަމަނުޖެހުން ހިންގާ، ހަގުރާމަ ކުރަމުންދާ ހުރިހާ ފަރާތަކަށް އަމާޒުކުރައްވާ މިކަންކަން ހުއްޓާލުމަށް އދގެ މަންދޫބުން ގޮވާލައްވާފައިވަނީ، ކޮވިޑް-19އަކީ ދިރިހުރުމަށް ކުރަންޖެހިފައިވާ ހަގީގީ ހަނގުރާމައިގެ މާނައިގައެވެ.

ސޫރިޔާ، ޔަމަނު، ލުބްނާނު، އިރާގު އަދި އިސްރާއީލު-ފަލަސްތީނު މައްސަލައަށް އދއިން ކަނޑައަޅާފައި ތިއްބަވާ މަންދޫބުން އާންމުކުރެއްވި ބަޔާނުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. ނަމަވެސް ހަނގުރާމައިގެ ބަޑިތައް ދޫކޮށް ހަމަނުޖެހުންތަކުގެ އަޑު ކަނޑުވާނުލާ، މިކަން ހާސިލުވާން ނެތްކަންވެސް މަންދޫބުން ވަނީ ފާހަގަކުރައްވާފައެވެ.

އދގެ 5 މަންދޫބުން ވިދާޅުވީ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް މާޗް 23 ވަނަ ދުވަހު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލެއްވި ގޮވާލެއްވުމަށް ގިނަ ފަރާތްތަކަކުން އިހުތިރާމު ކުރަން ފަށާފައިވާކަމަށެވެ. ނަމަވެސް މެދުއިރުމަތީގައިވެސް ކޮވިޑް-19ގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިތުރުވަމުންދާ ވަރަކަށް، މި ރޮނގުން އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް މަންދޫބުން ވިދާޅުވިއެވެ.

5 މަންދޫބުންވެސް ވަނީ އެއްވެސް ޝަރުތަކާ ނުލާ ހަނގުރާމަތަކާ ހަމަނުޖެހުންތައް ހުއްޓާލާ، ހަތިޔާރު ތިރިކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ. އަދި މެދުއިރުމަތީގައި ދިގުލާ ގޮސްފައިވާ ހަމަނުޖެހުންތަކަށް، ދިގުމުއްދަތަކަށް ދެމިގެންދަނިވި ސުލްހަވެރި ހައްލުތަކެއް ހޯދާ، ކާމިޔާބު ކުރުމަށްވެސް މަންދޫބުން ވަނީ ބާރު އަޅުއްވާފައެވެ.

މެދުއިރުމަތީގެ ސަރަހައްދުތަކުން ކޮވިޑް-19ގެ ކޭސްތައް ކަންބޮޑުވާ މިންވަރަކަށް ފެންނަމުންދާއިރު، އެންމެ ފަހުން މި ލިސްޓަށް އިތުރުވެފައިވަނީ ހަނގުރާމައިގެ ސަބަބުން އިނދަޖެހިފައިވާ ޔަމަނެވެ.