ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އެންމެ ކުރީ ސަފުގައި އިންސާނިއްޔަތަށްޓަކައި އަމިއްލަ ނަފުސު ނުރައްކަލުގެ ތެރެއަށް ދޫކޮށްލައިގެން ޚިދުމަތް ކުރަމުންދަނީ ޑޮކްޓަރުންނާ ސިއްހީއެހީތެރިންނޭ ދެންނެވުމުން އެކަމާ ދެބަސްވާނެ މީހަކު ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ލޮލަށްވެސް ނުފެންނަ ކުޑަކުޑަ މަހުލޫގަކާ ދެކޮޅަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ޓީމުތައް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާއިރު، އަވަށްޓެރި ޕާކިސްތާނުން ފެނިގެންދަނީ ތަފާތު މަންޒަރެކެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ޕާކިސްތާނުގެ ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން ރުޅިއައިސްގެން އުޅޭ ޚަބަރުތައް މީޑިއާގެ ސުރުހީތަކުން ޖާގަ ހޯދިއެވެ. މުޒާހަރާކުރާ ޑޮކްޓަރުންނާ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ކުރިމަތިލާ، ބާރުގެ ބޭނުންކޮށް، ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން ހައްޔަރުވެސް ކުރިއެވެ. މިއާއެކު ޕާކިސްތާނުގެ ކުރީ ސަފުގައި ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަކުރަމުންދިޔަ ފައުޖާ ސަރުކާރާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް މިވަނީ ފެށިފައެވެ.

އެއީ ކީއްވެ ހެއްޔެވެ؟

ބުނެވޭ ގޮތެއްގައި މި ކުރިމަތިލުން ފެށުނީ، ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޕާކިސްތާނުގެ ރައީސް ޑރ އާރިފް އާލްވީ އެން95 ރެސްޕިރޭޓާ މާސްކެއް ތުރުކުރައްވައިގެން ހުންނެވި ފޮޓޯއެއް އާންމުވި ހިސާބުންނެވެ. އޭރު، އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން ދަނީ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދޭއިރު ހަށިރައްކަލަކަށް ބޭނުންކުރަންޖެހޭ އާލާތްތައް ނުލިބުމުގެ ޝަކުވާ ތަކުރާރުކޮށް އުފުލަމުންނެވެ.

ޕާކިސްތާނު މެޑިކަލް އެސޯސިއޭޝަން (ޕީއެމްއޭ)އިން ބުނީ، ސިއްހީ ޚިދުމަތްތެރިންނަށް ހަށިރައްކަލަށް ބޭނުންކުރާ އާލާތްތައް (ޕީޕީއީ) ނުލިބިގެން އުޅޭއިރު، ސަރުކާރުގެ އިސް އޮފިޝަލުންނާ ވެރިން، ބައްދަލުވުންތަކާ ޒިޔާރަތްތަކުގައި އެން-95 މާސްކު ބޭނުންކުރާތީ ފެންނަމުންދާކަމަށެވެ.

ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ފެންނަނީ އެބަޔަކަށް ވީ ގޮތަކުން ސިއްހީ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، އެމީހުންގެ ގުރުބާނީއަށް ޝުކުރު އަދާކުރަމުންދާ މަންޒަރެވެ. އެމީހަކަށް ވީ ވަރަކުން ސިއްހީ އާލާތްތައް ތައްޔާރުކޮށްގެން ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެމުންދާ ގައުމުތައްވެސް މަދެއް ނޫނެވެ. ގެތަކުގައި ބަންދުވެފައިވާ މީހުންވެސް ކުޑަދޮރުތަކުން ބޭރަށް ފެންނާނެހެން އަތްތިލަބަޑިޖެހުމާ، ޝުކުރުގެ މެސެޖުތަކުން ފަޒާ ގުގުމަމުންދާއިރު ޕާކިސްތާނުން ފެންނަ މަންޒަރު ތަފާތެވެ. ޕާކިސްތާނުން ފެންނަމުންދަނީ، ޕީޕީއީ ހޯދަން ސިއްހީ ހިދުމަތްތެރިން ޑިމާންޑް ކުރަމުންދިޔަ ވަރަކަށް ފުލުހުން އެމީހުންނަށް އަނިޔާ ކުރަމުންދާ މަންޒަރެވެ.

ޕާކިސްތާނުގެ ރައީސް ޑރ އާރިފް އާލްވީ އެން-95 މާސްކެއް ތުރުކުރައްވައިގެން/ފޮޓޯ: ރަންވޭޕާކިސްތާނު

މަސްރަހު ގޯސްވާން ފެށުމުން ޕާކިސްތާނުގެ ރައީސް ޑރ އާލްވީ ވިދާޅުވީ، ފޮޓޯއިން ފެންނަ މާސްކަކީ ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުން ހަދިޔާކުރި މާސްކެއް ކަމަށާ، އެ މާސްކުގެ އިލާސްޓިކް ކަނޑައިގެން ދަންދެން ބޭނުންކުރެއްވީ އެ މާސްކު ކަމަށެވެ. ޑރ އާލްވީ މިހާރު ބޭނުންކުރައްވާތީ ފެންނަނީ އާންމުންވެސް ބޭނުންކުރާ ޒާތުގެ މާސްކްއެކެވެ.

މިވަރުން ޑޮކްޓަރުންނަށް ހަމަޖެހުމެއް ނެތެވެ. ޕީޕީއީ ނެތި ސިއްހީ ޚިދުމަތުގެ ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދިއުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ކޮވިޑް-19ގެ ނުރައްކަލާ ޕާކިސްތާނުގެ ސިއްހީ ޚިދުމަތްތެރިންނަށް ކުރިމަތިލާންޖެހިފައި މިވަނީ، ޕާކިސްތާނުގައި ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތް ރެގިއުލޭޓް ކުރުމުގައި އިސް ދައުރެއް އަދާކުރާ ޕާކިސްތާނު މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އުވާލިތާ 6 ވަރަކަށް މަސް ފަހުންނެވެ. ނަތީޖާއަކަށްވީ މެޑިސިންގެ ދާއިރާއިން ދަސްވެނިވި 15000 އެއްހާ މީހުންނަށް ސަނަދު ނުލިބުމެވެ. އަދި ޕާކިސްތާނާ އެ ގައުމުން ބޭރުގައި ބޭސްވެރިކަމުގެ ރޮނގުން ޚިދުމަތް ކުރުމަށް ބޭނުންވާ 5 އަހަރު ދުވަހުގެ މަސައްކަތު ލައިސަންސް ނުލިބި ތިބި ޑޮކްޓަރުންގެ އަދަދުވެސް ވަނީ 30000 އަށް އަރާފައެވެ. މިފަދަ ކަންކަމާ ހެދި ޕާކިސްތާނުގެ މެޑިކަލް ކޮމިއުނިޓީ އޮތީ އިންތިހާ ނުތަނަވަސްކަމުގެ ތެރޭގައެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ސިއްހީ ހިދުމަތްތެރިން ހައްޔަރުކުރަނީ/ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ޑޮކްޓަރުން ޕީޕީއަށް ޑިމާންޑް ކުރަމުންދާއިރު އެން-95 މާސްކު ފޯރުކޮށްދޭނެކަމަށް ބުނެ ހޮސްޕިޓަލުތަކުން ރަސީދުތަކެއްގައި ސޮއިކުރުވިކަމަށްވެއެވެ. ނަމަވެސް ޝިޕްމަންޓް ލިބުނުއިރު އޭގައި ހުރީ ކޭ-95 ނުވަތަ ބޯކޮށާ މީހުންނާ ސެލޫންތަކުގައި ބޭނުންކުރާ ޒާތުގެ މާސްކު ކަމަށްވެއެވެ.

ޕާކިސްތާނުގެ އެއް ސިޓީގައި 17 ޑޮކްޓަރަކާ 5 ޕެރަމެޑިކް އޮފިޝަލުން މިހާރުވެސް ވަނީ ކޮވިޑް-19އަށް ޕޮޒީޓިވްވެފައެވެ. ކަންމިހެން އޮތްއިރު، ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ޑޮކްޓަރުން ބަންދުވާންޖެހެނީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.

ޕާކިސްތާނުން މިއަދު އެކަނިވެސް 2006 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 6495 އަށް އަރައެވެ. އަދި މަރުވި މީހުންގެ އަދަދު 67 އަށް ވަނީ އަރާފައެވެ.