މިވަގުތު ރާއްޖެއަށް މަހުޖަނުން ގެނައުމަށް ވުރެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ މަހުޖަނުން އަބަދުވެސް ރާއްޖެ އަންނާނެ ކަމަށާއި ވަރަށް ގިނައިން މިހާތަނަށް ވެސް މަހުޖަނުން ރާއްޖެ އައިސްފައި އެބަހުރި ކަމަށެވެ. އަދި މަހުޖަނުން ރާއްޖެ އަންނަނީ ރާއްޖެ ރީތިވެފައި، ރާއްޖެ ކަމުދާތީ ކަމަށާއި ނަމަވެސް މިވަގުތު މުހިންމީ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ ބައެއް މަހުޖަނުން މިހާރު ވެސް ރާއްޖެ އަންނަން ބޭނުން ވެފައިވާ ކަމަށް ސޮނޭވާ ރިސޯޓް ޗެއިންގެ ވެރިޔާ ސޯނޫ ޝިވްދަސާނީ އާއި ރިސޯޓު އޯނަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ވާހަކަ ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

ސޯނޫ ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ޖެޓްތަކުގައި އަންނަ މަހުޖަނުންގެ މަދު ބަޔަކު އައި ނަމަވެސް ނިސްބަތުން ރަނގަޅު އާމްދަނީއެއް މި ދަނޑިވަޅުގައި ލިބޭނެއެވެ. ރާއްޖޭގެ މުޅި އިގްތިސާދު ބިނާ ވަނީ ޓޫރިޒަމަށް ކަމަށް ވިޔަސް ސަރުކާރުން އިސްކުރީ ރައްޔިތުންގެ ރައްކާތެރިކަން ކަން ކަމަށްވެސް ސޯނޫ ވަނީ އޭނާގެ ވާހަކައިގައި ފާހަގަކޮށްފައެވެ.

ސޯނޫގެ ހިޔާލަކީ ޖާބިރު ކުރިން ފާޅު ކުރެއްވި ހިޔާލެކެވެ. ރާއްޖެއަށް މުއްސަނދިން ގެންނަ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ޖާބިރެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އައުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވާއިރު، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ އަސަރު އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. ސަރުކާރުން ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 ޕަސެންޓް ކުރިއަރާނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.