ކޮވިޑް19 އާ ގުޅިގެން ކެމްބްރިޖް އިމްތިހާނު ފަސްކޮށްފި ނަމަ އެސްއެސްސީ އިމްތިހާނަށް ވެސް ބަދަލު ގެންނަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އަންނަ އޮކްޓޯބަރ ނޮވެމްބަރު މަހުގައި އޮންނަ ކެމްބްރިޖް އޯލެވެލް އިމްތިހާން ފަސްކުރުމާ ގުޅޭގޮތުން ކެމްބްރިޖްއާ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެހެންކަމުން އަންނަ އޮކްޓޯބަރު ނޮވެމްބަރު މަހުގައި އޮންނަ އެސްއެސްސީ އިމްތިހާނަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޯލެވެލް އިމްތިހާނަށް ތައްޔަރާރުވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ގޭގައި އެކުދިން ތިބެގެން ކިޔެވުމުގެ އިންތިޒާމް ހަމަޖައްސާދީފައެވެ. ފުރަތަމަ ޓާމުގެ މިޑް ޓާމް ހޮލިޑޭސްއަށް ފަހު މި ދިޔަ މަހުގެ 15 ގައި ސްކޫލް ހުޅުވުމަށް ހަމަޖެހިފައި ވީ ނަމަވެސް ކޮވިޑް-19އާ ގުޅިގެން ސްކޫލްތައް ހުޅުވުން ވަނީ ފަސްކޮށްފައެވެ. އަންނަ ހަފްތާގައިވެސް ސްކޫލް ހުޅުވުން ފަސްކޮށްފައިވާ ކަން މިނިސްޓްރީން އިއުލާންކޮށްފައިވާ އިރު މިހާރު ސްކޫލް ހުޅުވުން މި ވަނީ ފަސް ހަފްތާއަށް ފަސްކުރެވިފައެވެ.

ޓެލެކިލާސް މެދުވެރިކޮށް ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމަށް ފުރަތަމަ ފަށާފައިވީ ނަމަވެސް މިހާރު ގްރޭޑް 7 އިން ފެށިގެން 12 އާ ދެމެދުގެ ދަރިވަރުންނަށް ޓެލެކިލާސް މެދުވެރިކޮށް އަންނަނީ ކިޔަވައިދެމުންނެވެ. މީގެ އިތުރުން އަންނަ ހަފްތާއިން ފެށިގެން ކީސް ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށްވެސް ޓެލެކިލާސް މެދުވެރިކޮށް ކިޔަވައި ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިރޭ ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން އެސްއެސްސީ އިމްތިހާން ފަސްކުރުމަށް ނިންމާފައި ވާއިރު ޖޫން ޖުލައި މަހުގައި ބާއްވަމުން އަންނަ އޭލެވެލް އިމްތިހާން މިއަހަރު ވަނީ ފަސްކޮށްފައެވެ. މޭއި ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު މިއަހަރު އޮކްޓޯބަރު ނޮވެމްބަރު ގައި ބާއްވަން ވަނީ ނިންމާފައެވެ.