ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތުގެ އަސްކަރީ ކޯލިޝަނުން ދެމުންދާ ހަމަލާތައް 2 ހަފުތާގެ މުހުލަތައް ހުއްޓާލުމަށް ނިންމައިފިއެވެ.
މި ނިންމުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑީޒީޒް (ކޮވީޑް-19)އާ ގުޅިގެން، ހުރިހާ ހަނގުރާމަތަކަކާ ހަމަނުޖެހުންތަކެއް ހުއްޓާލުމަށް އދއިން ގޮވާލާފައިވާ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މައުލޫމާތު ލިބެއެވެ.
ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޚަބަރުތައް ގެނެސްދޭ އެސްޕީއޭއާ ހަވަލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2 ހަފުތާގެ މުއްދަތަށް ހަމަލާ ދިނުން ހުއްޓާލަން ނިންމި ނިންމުމަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ ޖީއެމްޓީ ގަޑިން މިއަދު ހެނދުނު 09:00 ގައެވެ.
އެސްޕީއޭއިން ބުނީ ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވަނީ ޔަމަނުގައި ކޮވިޑް-19ގެ ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި މިއީ އދއިން ސްޕޮންސާ ކޮށްފައިވާ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޫތީ ހަނގުރާމަވެރިންނަށް ދިނުމުގެ މަގުސަދުވެސް އެކަމުގައި އެކުލެވޭ ނިންމުމެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ކަމާ ބެހޭ ގޮތުން ހޫތީންގެ ބަހެއް އަދި ލިބިފައި ނުވާކަމަށް ބައިނަލްއަގުވާމީ މިޑިއާއިން ރިޕޯޓްކުރެއެވެ.
ހޫތީ ހަނގުރާމަވެރިން ނިކުމެ، ޔަމަނުގައި އޮތް ސަރުކާރު 2014 ވަނަ އަހަރު ވައްޓަލުމާއެކު ދާހިލީ ހަނގުރާމައިގެ ތެރެއަށް ވެއްޓިގެންދިޔަ ޔަމަނުގެ މަސްރަހަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އިންސާނީ ކާރިސާގެ މަސްރަހަށް ބަދަލުވެގެންދިޔައީ، އެ ދާހިލީ ހަނގުރާމައިގެ ތެރެއަށް، ސައުދީ އިސްވެ އޮވެ އެކުލަވާލި އަސްކަރީ ކޯލިޝަނުން ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ނިކުތް ހިސާބުންނެވެ. ޔަމަނު ހަނގުރާމައަށް 6 އަހަރުވެގެންދިޔައިރު މި ހަމަނުޖެހުންތަކުގައި 100000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އެތައް މިލިއަން ބަޔަކު މިހާރުވެސް ތިބީ އިންތިހާ ބަނޑުހައިހޫނުކަމުގެ ތުންފަތް މަތީގައިވެސް ފާހަގަކުރަންޖެހެއެވެ.
ޔަމަނުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެންދާކަން ނުވަތަ އެންމެ ކޭހެއްވެސް ފެނިފައިވާކަމުގެ ރަސްމީ އެއްވެސް ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.