ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ސިއްހީ ހިދުމަތްތެރިންގެ ހަށިރައްކަލަކަށް ބޭނުންކުރާ އާލާތްތައް (ޕީޕީއީ) ފޯރުކޮށްދިނުމަށް ޑިމާންޑްކޮށް އަޑުއުފުލަމުންދިޔަ ޑޮކްޓަރުންނާ ސިއްހީ ހިދުމަތްތެރިންނަށް މުގުރުން ހަމަލާދީ އެމީހުން ހައްޔަރު ކުރި ފުލުހުންގެ އަމަލުތަކާ މެދު ހިތާމަ ކުރައްވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ބަލޫޗިސްތާން ޕްރޮވިންސްގައި ހިނގާދިޔަ މި ކަންތައްގަނޑާ ގުޅިގެން އިމްރާން އެއްޗެއް ވިދާޅުވެފައި މިވަނީ މިކަމެއް ހިނގާދިޔަތައް އެތައް އިރެއް ފަހުން ކަމަށްވާއިރު، ފުލުހުންގެ އަމަލުތައް ހުރި ގޮތުން ގިނަ ބައެއްގެ ފާޑުކިއުންތައް ޕާކިސްތާނު ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ޕާކިސްތާނު ޔަންގް ޑޮކްޓާޒް އެސޯސިއޭޝަން (ވައިޑީއޭ)އިން ބުނާ ގޮތުގައި ޑރ ޔާސިރު އަޗަކްޒާއީއާއި ޕެރަމެޑިކް މުވައްޒަފުން ހޯމަ ދުވަހު މުޒާހަރާކުރީ ޕީޕީއީ ލިބެމުން ނުދާތީއެވެ. ހާދިސާ ހިނގާދިޔަ ގުއެތާ ސަރަހައްދުގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް ރައްޒާގު ޝީމާވެސް ވަނީ، މުޒާހަރާ ކުރަމުންދިޔަ ގިނަ އަދަދެއްގެ ޑޮކްޓަރުން ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ކަންމިހެން އޮތްއިރު، ވައިޑީއޭއިންވަނީ ސަރުކާރުގެ އެއްވެސް ހޮސްޕިޓަލަކަށް ދެން ޚިދުމަތް ފޯރުކޮށްނުދޭނެކަން ހާމަކޮށްފައެވެ.

ބަލޫޗިސްތާނުގެ ޗީފް މިނިސްޓަރު ޖާމް ކަމާލް ހާން ވަނީ ވަޑީއޭގެ މެމްބަރުންނާ ބައްދަލުވުކުރައްވާ، ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން، ޕާކިސްތާނުގެ ސަރުކާރުގެ ފަރާތުން ލިބޭނެކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނުގެ މައި އިދިކޮޅު ޕާޓީއެއް ކަމަށްވާ ޕާކިސްތާން މުސްލިމު ލީގު – ނަވާޒްގެ ރައީސް ޝެހްބާޒް ޝަރީފް ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ތިބި ބަޔަކު ހަށިރައްކަލަކަށް އެދި ޑިމާންޑްކުރުމުން އެބަޔަކަށް އަނިޔާކޮށް ހައްޔަރުކުރުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި ސިއްހީ އާލާތްތަކާ، ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާ ރައްކާތެރި ކަމަށް ބޭނުންކުރާ ގިއަރުތަކުގެ ސަޕްލައިއަށްވުރެ ޑިމާންޑް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ބައެއް ގައުމުތަކުން ދަނީ އާންމު ރައްޔިތުން މިފަދަ އާލާތްތައް ގަތުމުން އެއްކިބާވެ، ސިއްހީ ހިދުމަތްތެރިންނަށް އެތަކެތި ލިބޭނެ މަގުތަނަވަސްކޮށްދިނުމަށްވެސް ގޮވާލަމުންނެވެ.

ޕާކިސްތާނުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4072 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 58 އަށް އަރާފައެވެ.