ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހްމަދު ނުއުމާން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވީ، ނުޢުމާން އަވަހާރަވި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން އެ އާއިލާއާ ފޯނުން ގުޅުއްވައެވެ. މި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ނުއުމާން މި ސަރުކާރަށް އަދި ހާއްސަކޮށް ކަސްޓަމްސްއަށް ކޮށްދެއްވާފައިވާ އިހްލާސްތެރި ހިދުމަތްތައް ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހް ވަނީ، އެ މަރުހޫމްގެ ފުރާނައަށް މާތްﷲ ތަނަވަސް ރަހްމަތް މިންވަރު ކުރައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ނުއުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ރޭ އިރާކޮޅުގެ ވަގުތެއްގައި އިންޑިޔާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު އުމުރަކީ 47 އަހަރެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި ނުއުމާން އައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ގައެވެ. އައްޑުއަތޮޅު ހިތަދުއަށް އުފަން ނުއުމާނަކީ، މީގެ ކުރިންވެސް ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތް ފުރަތަމަ ފަށްޓަވާފައި ވަނީ 29 ޖޫން 1991 ގައެވެ. އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ރޭޑިޔޯ ޓެކްނީޝަންގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާމަން ކަމުގެ މަގާމުވެސް ނުއުމާން ފުރުއްވާފައިވެއެވެ.