ކޮވިޑް-19 އާ ގުޅިގެން “އުރީދޫ މަސް ރޭސް” މި އަހަރުގެ ރޯދަ މަހު ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

އުރީދޫން ބުނީ، ކޮވިޑް-19 އާ ގުޅިގެން، މިއަހަރު ބޭއްވުމަަށް ހަމަޖެހިފައިވާ އުރީދޫ މަސް ރޭހުގެ 11 ވަނަ ސީޒަން ނުބާއްވަން ނިންމާފައިވާ ކަމަށެވެ. މި އަހަރު މަސްރޭސް ނުބާއްވަން ނިންމުމާއެކު ރޯދަމަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އައި މަސްރޭސް އަންނަ އަަހަރުގެ ރޯދަ މަހުގައި ވަރަށް ކުލަ ގަދަކޮށް ބޭއްވުމަށް އުންމީދު ކުރާ ކަމަށް ވެސް އުރީދޫން ބުނެއެވެ.

ހަމައެއާއެކު ކޮރޯނާ ވައިރަހުން މި ރާއްޖޭ ރައްކާތެރި ކުރުމަށް އުރީދޫންވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުން ދާނެ ކަމަށާއި ރައްޔިތުންވެސް ވެސް އެގޮތުގެ މަތީގައި އަމަލުތައް ބެހެއްޓުމަށް މި ވަގުތު އުރީދޫން އިލްތިމާސްކުރެއެވެ.

މަސްރޭހަކީ ކޮންމެ އަހަރަކު ރޯދަމަހަށް ހާއްސަކޮށްގެން އުރީދޫން ބާއްވަމުން އަންނަ މުބާރާތެކެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ 10 ވަނަ ސީޒަންގައި އަންހެން 4 ޓީމެއްވެސް ވަނީ ބައިވެރިވެފައެވެ.