ރާއްޖޭގެ ޑޮކްޓަރުންނަށާއި ނަރުހުންނަށް ދޭން ނިންމާފައިވާ ކްރިޓިކަލް ކެއާ ޓްރެއިނިން ގެ ޕްރޮގަރާމް ކުރިއަށްދާ ކަމަށް އައިކީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ ޕްރޮގަރާމުގައި އައިޖީއެމްއެޗުގެ އިތުރުން، އޭޑީކޭ އާއި ޓްރީޓޮޕްގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާ ކަމަށާއި އެ ޕްރޮގްރާމް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖޭގެ ޑޮކްޓަރުންނަށް ކްރިޓިކަލް ކެއާ ޓްރެއިނިން ދޭން ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ.

ކޮވިޑް-19ގައި ބަލިވާ މީހުންގެ ތެރެއިން ހާލުދެރަވާ 15 ވަރަކަށް ޕަސެންޓްގެ މީހުންނަށް ފަރުވާ ދިނުމަށް ކްރިޓިކަލް ކެއާ ބޭނުންވާ ކަމަށާއި އެ މީހުންނަށް ފަރުވާ ދެވޭނީ ކްރިޓިކަލް ކެއާ ޓްރެއިނިންއާއެކު ވެންޓިިލޭޓާ ވެސް މެނޭޖް ކުރަން ދަންނަ މީހުންނަށް ކަމަށް ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު، ޑރ. މޫސާ ހުސެއިން ވިދާޅުވެފައި ވެއެވެ. ޑރ. މޫސާ އަކީ ކޮވިޑް-19ގެ ޓާސްކްފޯސް ޓީމުގައި ހިމެނޭ ޑޮކްޓަރެކެވެ.

އެގޮތުން މިހާރު ޓެކްނިކަލް ޓީމުގެ އެންމެ ބޮޑު އެއް އަޒުމަކީ ރާއްޖޭގެ ހުރިހާ ޑޮކްޓަރުން ކްރިޓިކަލް ކެއާ އަށް ޓްރެއިން ކުރުން ކަމަށްވެސް ޑރ. މޫސާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އޭރުން ކޮވިޑް-19 ޖެހިގެން އަންނަ މީހާގެ އޮކްސިޖަން ދަށްވެއްޖަނަމަ، އެ ބައި މެނޭޖްކޮށް ވެންޓިލޭޓަރަށް ލާން ޖެހިއްޖެނަމަ، ވެންޓިލޭޓަރަށް ލައިގެން ވެސް މެނޭޖް ކުރަން ހެލްތް ޕްރޮފެޝަނަލުންނަށް އެނގޭނެ ކަމަށާއި ރާއްޖޭގައި ހުރި މެކްސިމަމް ކެޕޭސިޓީ ބޭނުންކޮށްގެން މިކަމަށް ހުރިހާ ޑޮކްޓަރުން ތައްޔާރު ކުރާނެ ކަމަށެވެ.