މެލޭޝިއާއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތަތަކަށް މިހާރު އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ، އެ ކުންފުނީގެ ޓިކެޓިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް ރާއްޖޭ ގަޑިން މިރޭ 10:35ގައި، މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް ޓިކެޓް އޮންލައިންކޮށް ނެގޭނެ ކަމަށެވެ. ހަމައެއާއެކު އެއްފަހަރާ ގިނަ ބަޔަކު އެޕާއި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގަން މަސައްކަތް ކުރާނެ ކަމަށާއި، އެހެންކަމުން އެޕާއި ވެބްސައިޓް "ކްރޭޝް" ވެދާނެެ ކަމަށް ވެސް މޯލްޑިއަނުން ބުނެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ސްޕޯކްސްޕާސަން މޫސާ ވަސީމް ވިދާޅުވެފައި ވަނީ މެލޭޝިއާއިން ރާއްޖެ އައުމަށް މޯލްޑިވިއަނުން ދޭ ޓިކެޓުގެ އަގަކީ 330 ޑޮލަރު ކަމަށާއި އެ ޓިކެޓް ނެގޭނީ އޮންލައިންކޮށް އެކަނި ކަމަށެވެ. ހަމައެއާއެކު މެލޭޝިއާއިން ދިވެހިން ގޮވައިގެން މޯލްޑިވިއަން އިން ފުރާނީ އަންނަ ބުދަ ދުވަހުގައި ކަމަށް މޫސަ ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މިއަދު ހަވީރު 5 ކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށް ކުރިން ބުނެފައި ވެއެވެ. ނަމަވެސް ޓިކެޓިން ސިސްޓަމަށް މައްސަލައެއް ދިމާވެ އޮންލައިންކޮށް ޓިކެޓް ނެގުމުގައި މައްސަލަތަކެއް ވަނީ ދިމާވެފައެވެ.