އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް ކޮވިޑް-19 އާ ގުޅިގެން ޖުމްލަ 723 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 185 މައްސަލައަކީ ވަޒީފާ ގެއްލިގެން ހުށަހެޅިފައިވާ މައްސަލަ ކަމަަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިއަދާ ހަމައަށް ޖޮބް ސެންޓަރަށް ވަޒީފާއާ ގުޅުން ހުރި 723 މައްސަލަ އެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ވަޒީފާ ގެއްލިފައިވާ 185 ފަރާތެއް ހިމެނޭއިރު އޭގެތެރެއިން 58 ފަރާތަކީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހުއްޓާލަން ޖެހިފައިވާ ފަރާތަކަމުގައި މަބްރޫކް ވިދާޅުވިއެވެ.
ހަމައެއާއެކު މުސާރައިން އުނިކޮށްފައިވާ 113 ފަރާތެއްގެ މައްސަލައަކާއި، ނޯޕޭއަށް ދާންޖެހުނު 245 ފަރާތެއްގެ މައްސަލައަކާއި، މުސާރައިން ދެބައިކުލަ އެއްބައި އުނިކޮށްފައިވާ 72 މައްސަލައަކާއި، ސަސްޕެންޑް ކޮށްފައިވާ 64 ފަރާތެއްގެ މައްސަަލއެއްގެ އިތުރުން ބޭސިކް ސެެލަރީ އެކަނި ދޭ 44 ފަރާތެއްގެ މައްސަލަ ހިމޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމުގެ ތެރޭގައި ވަޒީފާގައި ތިބި މީހުންގެ ވަޒީފާ ދެމެހެއްޓުމަށްޓަކައި ސަރުކާރުން ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ އެހީ ފޯރުކޮށްދެމުން ދަނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭ ހަރުކަށި ޝަރުތުތަކާއެކުގައި ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތާ ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވާތީ، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ލޯނު ދޫކުރުމާއި، އެނޫންވެސް ގިނަ ގުނަ ލުއިތައް ވިޔަފާރި ކުރާ ފަރާތްތަކަށް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރުގައި ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީއާ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް ގާއިމްކޮށްފައިވާ ޕޯޓަލްއެކެވެ.