ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ކައުންސިލް އިންތިހާބު ފަސްކުރުމަށް "ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ހާއްސަ ބިލް 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.
އެޓާނީ ޖެނަރަލް އޮފީހުން މަޖިލީހަށް ހުށަހެޅި ބިލްގައި ބުނާ ގޮތުން، އެ ބިލް ފާސްވެ އަމަލުކުރަން ފެށުމާއި އެކު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބް ފަސްކުރެވުނީއެވެ. އަދި އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާންމު ސިއްހަތު ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވެސް އެ ބިލްގައި ވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު، އެކަމާ ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ވެސް މާދަމާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. އަދި ފަހުން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންދިޔަައީ އެކަމަކީ މަޖިލީހުން ހައްލު ހޯދަންޖެހޭ ކަމެއް ކަމަށް މަޖިލީހުން ނިންމުމުންނެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލް ކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހަށެވެ. އޭގެ ފަހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ކައުންސިން އިންތިހާބު ބޭއްވުމަށް ފަސްކުރެވިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހަށެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު އިންތިހާބަށް ޕާޓީތަކުން ކުރަމުންދިޔަ ކެމްޕޭން ވަނީ ހުއްޓާލާފައެވެ.