ސަރުކާރު ބަންދު ދުވަސްތަކުގައިވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ދިނުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު ނުވަޔަކުން މެންދުރު އެކެއް ޖަހަންދެން ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ހިދުމަތްތައް ދޭނެ ކަމަށެވެ.

އޭގެ ތެރޭގައި ވިޔަފާރި ނަން ފާސްކުރުމާއި ރަޖިސްޓްރީކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމާއި، ލޯގޯއާއި ސީލް ރެޖިސްޓްރީކުރުމުގެ އިތުރުން ޓްރޭޑްމާކް ރަޖިސްޓްރީއާއި، ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ހިދުމަތް ހިމެނެއެވެ.

އެ މިނިސްޓްރީން ބުނީ އެ ދުމަތްތަކުގެ އިތުރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް، މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށްވެސް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ކޮވިޑް-19އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން އެ މިނިސްޓްރީން ހިދުމަތް ފޯރުކޮށްދިނުމުގެ ގަޑިއަށް ބަދަލު ގެނެސަފައިވާއިރު، އެ މިނިސްޓްރީން އިއްޔެ ވަނީ ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް މުދާ ވިއްކައިފިނަމަ ޖޫރިމަނާ ކުރުމަށްވެސް ނިންމައިފައެވެ. އެ މިނިސްޓްރީން އެގޮތަށް ނިންމާފައި ވަނީ މިވަގުތު ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް، ބައެއް ތަކެތިން އަގު ކޮންޓްރޯލް ކުރުމަށެވެ.