މިހިނގާ އޭޕްރިލް މަހުގެ 25 ވަނަ ދުވަސް އަންނައިރު، ޕާކިސްތާނުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 50000 އަށް އެރުން އެކަށީގެންވާކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެފިއެވެ.
ކޮވިޑް-19އާ ގުޅިގެން އެގައުމުން އަމަލުކުރަމުންދާ އެކްޝަން ޕްލޭންގެ ތަފްސީލުތައް ބަޔާންކޮށް ޕާކިސްތާނުގެ ސަރުކަރުން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓް ބުނާ ގޮތުގައި، ޕާކިސްތާނުން ކޮވިޑް-19އަށް ޕޮޒިޓިވްވާނެ ކަމަށް ލަފާކުރާ މީހުންގެ ތެރެއިން 41000 ކޭހަކީ އާދައިގެ ކޭސް ކަމަށާ، 7000 މީހެއްގެ ހާލު ކްރިޓިކަލް ވާނެ ކަމަށާ، 2500 އެއްހާ މީހުންގެ ހާލު އިންތިހާއަށް ކްރިޓިކަލް ވާނެ ކަމަށް ލަފާކުރެވެއެވެ.
މިއީ ތަހުލީލީ ތަފާސް ހިސާބުތަކެއް ކަމަށާ، މިއީ ސަރުކާރުގެ އެންމެ ފަހު ބަސް ނޫންކަމަށްވެސް ޕާކިސްތާނުގެ ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް ދަންނަވާފައެވެ.
ޕާކިސްތާނުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު 366 މިލިއަން ޑޮލަރު ޚަރަދުކޮށްގެން، އެގައުމުގައި ކޮވިޑް-19އަށް ޓެސްޓުކުރަން ހުރި ގާބިލިއްޔަތު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ޕާކިސްތާނުގައި މިހާރު އެކުލަވާލަފައިވާ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖާ (އެސްއޯޕީ) ބުނާ ގޮތުގައި އެގައުމަށް ބޭރުން އެތެރެވާ ކޮންމެ މީހަކުވެސް ކޮވިޑް-19އަށް ސްކްރީން ކުރަންޖެހެއެވެ. އަދި މި ވައިރަހުގެ ޝިކާރައަކަށްވެ، މަރުވާ މީހުން ވަޅުލާ ގޮތަށްވެސް އެސްއޯޕީގައި ވަނީ ކަނޑައަޅާފައެވެ.
ޕާކިސްތާނުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ، 2818 އަށް އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 13 މީހެއްގެ ހާލު ކްރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ބަލީގައި 131 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.