އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް ކޮވިޑް-19 އާ ގުޅިގެން 676 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިއަދާ ހަމައަށް ޖޮބް ސެންޓަރަށް ވަޒީފާއާ ގުޅުން ހުރި 676 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ދިޔަ މަހުގެ 30 ވަނަ ދުވަހު ޖޮބް ސެންޓަރުގައި ހުށަހަލާފައި ވަނީ 219 މައްސަލައެކެވެ. މިހާރު މި އަދަދު މިވަނީ އިތުރުވެފައެވެ.
ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން މަސައްކަތް ކުރާ ގިނަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ މިހާތަނަށް 50 ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އަދި މި ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންތައް ވަނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ތިބުމަށް އެދިފައެވެ. މީގެ އިތުރުން ސަފާރީތަކުގައި މަސައްކަުރާ އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލޭތީ އެކަމާ ދެކޮޅަށް އަޑު އުފުލާ ވަނީ މުޒާހަރާވެސް ކޮށްފައެވެ.
މި ހާލަތުގައި ވަޒީފާގައި ތިބި މީހުންގެ ވަޒީފާ ދެމެހެއްޓުމަށްތަކައި ސަރުކާރުން ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭއިރު އެހީ ފޯރުކޮށްދެމުން ދަނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭ ހަރުކަށި ޝަރުތުތަކާއެކުގައި ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތާ ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި ވާތީ، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ލޯނު ދޫކުރުމާއި، އެނޫންވެސް ގިނަ ގުނަ ލުއިތައް ވިޔަފާރި ކުރާ ފަރާތްތަކަށް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރުގައި ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީއާ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް ގާއިމްކޮށްފައިވާ ޕޯޓަލްއެކެވެ.