ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އެ ހާލަތު ބަދަލުވެއްޖެ ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތުން ކަނޑައަޅަންދެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނަރަލް އޮފީހުން މަޖިލީހަށް ހުށަހެޅި ބިލްގައި ބުނާ ގޮތުން، އެ ބިލް ފާސްވެ އަމަލުކުރަން ފެށުމާއި އެކު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބް ފަސްކުރެވުނީއެވެ. އަދި އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާންމު ސިއްހަތު ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވެސް އެ ބިލްގައި ވެއެވެ.

އެގޮތުން ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ކުރިން ބާއްވައި ނިންމަންވާނެ ކަމަށް ވެސް އެ ބިލްގައި ބުނެއެވެ.

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް އެ ބިލްގައި ބުނެއެވެ. އަދި ވަކި ދާއިރާއަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެންބަރުންނާ އެކުގައި ކަމަށް ވެސް ވެއެވެ.

ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެ ކަމަށާއި، ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވާނެ ކަމަށްވެސް އެ ބިލުގައި ވެއެވެ. ނަމަވެސް އެ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިހާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ހަރަކާތެއް އެމީހުން ކުރިއަށް ގެންގޮސްގެންނުވާނެ ކަމަށް ވެސް އެ ބިލުގައި ވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިންގާ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު އިންތިހާބަށް ޕާޓީތަކުން ކުރަމުންދިޔަ ކެމްޕޭން ވަނީ ހުއްޓާލާފައެވެ.