ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ކުރިމަތިލުމުގައި އެގައުމުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ހާމަކުރައްވައިފިއެވެ.

ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން ކުރެއްވި ޓްވީޓްއެއްގައި އިމްރާން ހާން ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނު މިހާރު ދަތުރުކުރަމުންދަނީ އެ ނިންމުމެއްގެ ސަބަބުން ކޮންމެ ފަދަ ނުރައްކާތެރި ނަތީޖާއެއްވެސް ނިކުމެދާނެ ފަދަ، ހަނިމަގަކުން ކަމަށެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތައް ދައްކާ ގޮތުން ޕާކިސްތާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2700އަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުން އަމުރު ޕާކިސްތާނުގައިވެސް ތަންފީޒު ކުރަމުންދާއިރު، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި އަމުރުގެ މުހުލަތު ވަނީ އިތުރުކޮށްފައެވެ.

މިމުއްދަތުގެ ތެރޭގައި ޕާކިސްތާނުގައި ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ ފްލައިޓްތައްވެސް އޮޕަރޭޓްނުކުރާނެ ކަމަށް މައުލުމާތު ލިބެއެވެ. ނަމަވެސް އޭޕްރިލް 3 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 11 ވަނަ ދުވަހުގެ ނިޔަލަށް ކެނެޑާއާއި އިނގިރޭސިވިލާތުގެ ރައްޔިތުން އެގައުމުތަކަށް ގެންދިއުމަށް ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްއިން ބައެއް ދަތުރުތައް ކުރަމުންދާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.