އައްޑޫ ސިޓީގައި ދަނޑު ހެއްދުމަށް އިތުރު ބިން ދޫކުރަން ނިންމައިފިއެވެ.
އައްޑޫ ސީޓީ ކައުންސިލުން ބުނީ، މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން ބޭނުންވާ ކަމަށާއި، އެގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ފޯރުކޮށްދޭ އެހީތައް ހޯދައިދިނުމަށް އެ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި، އަލަށް ދަނޑު ހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. އެގޮތުން ކޮންމެ އަވަށަކުން ވެސް ބިން ހޯދުމަށް މެއިލް ކުރާނީ އެ އަވަށެއްގެ އޮފީހަކަށް ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
ކޮވިޑް-19 އިން އިގްތިސޯދަށް ދިމާވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާ ކަމަށާއި އެގޮތުން ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ގަނެވޭނެ ނިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިހާރު އެސްޓީއޯއިން ވަނީ، އެގްރި-ސެންޓަރެއް ގާއިމްކޮށް ރާއްޖޭގެ ހުރިހާ ދަނޑުވެރިން އުފައްދާ އުފެއްދުންތައް އެތަނަށް ގަތުމަށް ނިންމާފައެވެ.