މުޅި ދުނިޔެ ހުއްޓުވާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއިން މި ބަލީގައި މަރުވި މީހުންގެ ހަނދާނުގައި ހާއްސަ ވަގުތުކޮޅެއް ފާހަގަކޮށްފިއެވެ.

ކޮވިޑް-19ގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 3326 އަށް އަރާފައިވާއިރު، މި ބަލީގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ޗައިނާއިންވަނީ 3 މިނެޓްގެ ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސް، އެ ގައުމުގެ ދިދަ، ބައިދަނޑިއަށް ތިރިކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޗައިނާއިން މަރުވެދިޔަ އާންމުންނާ ސިއްހީ ޚިދުމަތްތެރިންގެ ޝަރަފުގައި ޗައިނާގައި ދުއްވާ އުޅަނދުތަކުން ވަނީ ބަރުގަނޑު އެޅުމުގެ ހަރާކަތެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެއްގަމާ، ކަނޑާ ވައިގެ މަގުން އޮޕަރޭޓްކުރާ އުޅަނދުތަކުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ކޮވިޑް-19ގައި ޗައިނާއިން މަރުވެދިޔަ މީހުންގެ ހަނދާނުގައި ފާހަގަކުރާ ދުވަހެއް ގޮތުގައި މިއަދު އެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 81639 އަށް އަރާފައެވެ.