ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު ނަމަވެސް ކަމާބެހޭ އިދާރާތަކަށް ނާންގާ އޭނާ އަނބުރާ ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ޓީމްއެއް މިހާރު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހަރަކާތްތެރިވަމުން ދަނީ ތަހުގީގުގެ ބޭނުމަކަށް ކަމަށެވެ. އަދި ފުލުހުން އެ ރިސޯޓަށް ގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ހުއްދަ ލިބިގެން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 އާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކަނޑައަޅާފައިވާ ސީޕްލޭންގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ދަށުގައި އޮތުމަށްފަހު މިހާރު ހުޅުވާލާފައިވާ ރިސޯޓެއް ކަމަށާއި އަދި ފުލުހުން އެ ރިސޯރޓަށް ގޮސް ހަރަކާތްތެރިވެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަމަށް ބަލައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ކުރެއްދޫގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނައިރު ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން އިމިގްރޭޝަންގެ މައްޗަށް އަމުރެއް ވެސް ވަނީ ނެރެފައެވެ. އަމުރު ނެރެފައިވަނީ މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ގޮސްފާނެކަމަށް ބެލެވޭތީއެވެ.
ޕާސްޕޯޓު ހިފަހައްޓަން ބުނެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިޓަލީގެ ޓޫރިސްޓް ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަނީ ފަށާފައެވެ. ރިސޯޓް މެނޭޖްމަންޓަށް އެކަން އެނގި ސިއްރުކުރީތޯ ވެސް އެ ތަހުގީގުގައި ބަލާނެ ކަމަށް ފުލުހުން ބުނެއެވެ.