ކޮވިޑް19އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ރަނގަޅުވި 2 މީހަކު ދޫކޮށްލައިފި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ދެ މީހުންނަކީ ސޭންޑީޒް ބަތަލާއިން މި ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިން ކަމަށެވެ. އެ ދެ ފަތުރުވެރިންނަކީ ދެމަފިރިންނެވެ. އެ ދެ މީހުންނަށް ފަރުވާ ދީފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ބާއްވައިގެންނެވެ.

މަބްރޫކް ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ މިއަދު އެމީހުން ރާއްޖެއިން ފުރައިގެންދާ ގޮތަށް ކަމަށާއި ނަމަވެސް ދަތުރު ހަމަޖެހިފައިވާ ގޮތުން މާދަމާގެ ވަގުތެއްގައި އެ ދެމީހުން ރާއްޖެ ދޫކޮށް ފުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ދެ މީހުން ފުރަންދެން ތިބޭނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިއަދުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން 1443 ސާމްޕަލް އެއް ނަގާފައިވާ ކަމަށެވެ. އަދި އެ ސާމްޕަލްތަކުގެ ތެރެއިން 1364 ސާމްޕަލް އަކީ ނަތީޖާ ނެގެޓިވް ވެފައިވާ ސާމްޕަލްތަކެވެ. 1443 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 19 މީހެއްގެ ސާމްޕަލްއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ވެސް 13 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް ކޮވިޑް19 އަށް ޓެސްޓު ކުރި ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ނުލިބެނީ 51 ސާމްޕަލްއެވެ.