ތަނެއްގައި މުސްލިމުންގެ އާބާދީ ބޮޑުވެއްޖެނަމަ، އެތަނެއްގައި އަބަދުވެސް އޮންނާނީ ހަމަނުޖެހުން ކަމަށް ބުނެ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވެރިކަންކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ތަމްސީލުކުރާ މެމްބަރު ޑރ ސުބްރަމާނިއަން ސްވާމީ، މުސްލުމުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.

"ވައިސް" ސީރީޒްގެ ދެވަނަ ސީޒަންގެ ކުރިއަށް އޮތް އެޕިސޯޑެއްގެ ޓްރޭލާ އާންމުކޮށްފައިވާއިރު، މި ވީޑިއޯއިން ފެނިގެންދަނީ ސުބްރަމާނިއަން ސްވާމީގެ ފަރާތުން މުސްލިމުންނަށް ބޮޑެތި ފުރައްސާރަކުރުންތަކެއް އަމާޒުކުރާ މަންޒަރެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހުގެ ނަމުގައި ގެނައި ބަދަލުގައި މުސްލިމުންނަށް އިމްތިޔާޒުތަކެއް ނުލިބޭ ގޮތް ގޮތަށް އޮތް އޮތުމާ، މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅޭ ގޮތުން "ވައިސް"ގެ ކޮރަސްޕޯންޑަންޓް އިޒޮބެލް ޔިއުންގް ކުރިމަތި ކުރި ސުވާލަކަށް ޖަވާބުދެމުން ސުބްރަމާނިއަން ސްވާމީ ބުނީ، އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ 'މައްސަލާގައި' ސަރުކާރުން ގެންގުޅޭ ހަރުކަށި ފިކުރަށް މުޅި އިންޑިއާގެ ތާއީދުވެސް ލިބިފައިވާކަމަށެވެ.

މިމޭރުމުން ވާހަކަދައްކަމުން ސުބްރަމާނިއަން ސްވާމީ ބުނީ އެތަނެއްގައި މުސްލިމުންގެ އާބާދީ ގިނަވެއްޖެނަމަ، އަބަދުވެސް އެތަނުގައި އޮންނާނީ ހަމަނުޖެހުން ކަމަށެވެ. މިއާއެކު، އިންޑިއާގައި އެކަނިވެސް 200 މިލިއަނެއްހާ މުސްލިމުން އުޅޭކަމާ އެއީ ދެވަނަ އަށް އެންމެ ބޮޑު މުސްލިމު އާބާދީކަން ޔިއުންގް ފާހަގަކުރެއެވެ. މިއާއެކުވެސް ސުބްރަމާނިއަން ސްވާމީ ހުންނަތީ ފެންނަނީ ހަމަ އޭނާގެ ގޮތުގައެވެ. ގައުމެއްގެ އާބާދީގެ 30 ޕަސެންޓް އަކީ މުސްލިމުންނަށް ވެއްޖެނަމަ އެތަނެއްގައި ނުރައްކާ އެބައޮތް ކަމަށް ސުބްރަމާނިއަން ސްވާމީ ބުނެއެވެ.

ސުބްރަމާނިއަން ސްވާމީގެ ވާހަކަތަކަކީ ވަކި ބަޔަކާ މެދު ނަފުރަތު އުފެދޭ ރޫހެއްގެ ވާހަކައެއްކަން "ވައިސް"އިން ފާހަގަކުރެއެވެ. ނަމަވެސް، އޭގެ ރައްދުގައިވެސް ސުބްރަމާނިއަން ސްވާމީ ކުރަނީ ފުރައްސާރައެވެ. މަލާމާތުގެ ރާގަކަށް، އެއީ "ހަމްދަރުދީ"ކަން ސުބްރަމާނިއަން ސްވާމީ ފާހަގަކުރެއެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 14 ވަނަ މާއްދާއާއި ހަވާލާދީ، އިންޑިއާގެ ފަސްގަނޑުގައި އެއްވެސް މީހަކަށް ހަމަހަމަކަން ގެއްލޭ ގޮތަށް މުހާތަބު ކުރެވިގެން ނުވާނެކަމަށާ، ހުރިހާ އެންމެނަކީވެސް ގާނޫނީ އިމުގެ ތެރެއިން އެއް ހަމައެއްގައި ހިމާޔަތް ކުރެވިފައިވާ ބައެއްކަން ޔިއުންގް ފާހަގަކުރެއެވެ. މިއާއެކު، އެއީ "ވައިސް"އިން ނުބައިކޮށް މާނަ ކުރެވުނީ ކަމަށް ބުނެ، ސުބްރަމާނިއަން ދިފާއަށް ކުޅެން ފަށައެވެ. އެގޮތުން މުސްލިމުންނަކީ އެއްވެސް ގިންތިއަކުން، އެނޫން މީހުންނާ އަޅާ ބަލާއިރު ހަމަހަމަ ބައެއް ނޫންކަމަށް ސުބްރަމާނިއަން ސްވާމީ ބުނެއެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހުގެ ނަމުގައި ގެނައި ބަދަލާއެކު މުސްލިމުންގެ ހައްގުތަކަށް އުނިކަން ލިބޭ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. މި އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު މަގުތަކަށް ނިކުމެ ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވާއިރު، އެ މުޒާހަރާތަކާ ދެކޮޅަށް ނިކުތް ހިންދޫ މެޖޯރިޓީގެ ލާއިންސާނީ އަނިޔާގައި ގިނަ އަދަދެއްގެ ބައެއްގެ ފުރާނަވަނީ ގެއްލިފައެވެ.

ސުބްރަމާނިއަން ސްވާމީގެ ވާހަކަތައް ފެންނަ ޓްރޭލާ އާންމުކުރުމާއެކު އެކަމާ ދެކޮޅަށް ފާޅުގައި އެންމެ ފުރަތަމަ ވަކާލާތު ކުރެއްވި ލީޑަރަކީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއެވެ. އެގޮތުން، އިންޑިއާގެ ބީޖޭޕީ ސަރުކާރުން މިހާރު މުސްލިމުންނާ ދެކޮޅަށް ވާހަކަދައްކަމުންދަނީ، ޔަހޫދީންނާ ދެކޮޅަށް ނާޒީން ނިކުތްހާ ފާޅުގައި ކަމަށް ވިދާޅުވެ އިމްރާން ވަނީ މިސާލުޖައްސަވާ ޓްވީޓްކުރައްވާފައެވެ.

ސުބްރަމާނިއަން ސްވާމީގެ އިންޓަވިއު ހިމަނައިގެން "ވައިސް"އިން ތައްޔާރުކޮށްފައިވާ އެޕިސޯޑް އާންމުކޮށް ދުރަށް ފޮނުވަން ހަމަޖެހިފައިވަނީ އޭޕްރިލް 5 ވަނަ ދުވަހުއެވެ.