އުތުރު ކޮރެއާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭހެއް ނެތުމަކީ، ނުވެ ނުދާނެ ކަމެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެގައުމުގައި ކޮވިޑް-19ގެ އެންމެ ކޭހެއްވެސް ނެތް ކަމަށް އުތުރު ކޮރެއާއިން ބުނަމުންދާ ބުނުން ގަބޫލު ކުރެވެން ނެތް ކަމަށް، ދެކުނު ކޮރެއާގައި ހުންނަވާ އެމެރިކާގެ އަސްކަރީ އިސް ޖެނެރަލް ރޮބާޓް އެބްރަމްސް ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ މީޑިއާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމެރިކާގެ ކޮމާންޑަރު، ޖެނެރަލް ރޮބާޓް އެބްރަމްސް ވިދާޅުވީ، ލިބިފައިވާ ޖާސޫސީ މައުލޫމާތަށް ބަލާއިރު އުތުރު ކޮރެއާއިން ކުރަމުންދާ ދައުވާ ގަބަޫލު ކުރެވެން ނެތް ކަމަށެވެ.

އުތުރު ކޮރެއާގައި އޮތީ ކިތަށް ކޭސްކަމެއް ދަންނަވަން ނޭނގުނު ނަމަވެސް، ފެބުރުވަރީ މަހާ މާޗްމަހާ ދެމެދު ފާއިތުވީ 30 ވަރަކަށް ދުވަހަށް ބަލާއިރު އެގައުމުގެ ހަރަކާތްތައް ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށް ޖެނެރަލް ރޮބާޓްސް ވިދާޅުވިއެވެ. އެގޮތުން ތާރީޚު ނުދެކޭ ވަރުގެ ހަރުކަށި ފިޔަވަޅުތަކެއް އުތުރު ކޮރެއާއިންވެސް ބޯޑަރު ސަރަހައްދުގައި ތަންފީޒު ކުރި ކަމަށާ، އަސްކަރިއްޔާވެސް ލޮކްޑައުން ހާލަތަށް ގެންދިޔަކަން އެނގިވަޑައިގަންނަވާކަމަށް އެމެރިކާގެ ކޮމާންޑަރު ވިދާޅުވިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އުތުރު ކޮރެއާއިން އަދި އެންމެ ކޭހެއްވެސް ރިޕޯޓްކޮށްފައި ނެތެވެ. ނަމަވެސް ޖިއޮގްރަފީ ގޮތުން ބަލާއިރު އުތުރު ކޮރެއާ އޮންނަނީ، ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑުވެގެންދިޔަ އަދި މިހާރުވެސް ކަންބޮޑުވުންތަކެއް ހުރި 2 ގައުމު ކަމަށްވާ ޗައިނާއާއި ދެކުނު ކޮރެއާއާއި ބޯޑަރު ހިއްސާވާ ގޮތަށެވެ.

ދެކުނު ކޮރެއާގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުގެ މެމްބަރުންވެސް މިހާރުވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވާވާން ފަށާފައެވެ.