އައްޑޫ ސިޓީ މަރަދޫއަށް އަރައި އާންމުންގެ މުދަލަށް ގެއްލުންދިން މައްސަލާގައި ހަތަރު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫއަށް އަރައި، އާންމުންގެ މުދަލަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރާއި، 20 އަހަރުގެ ދެ މީހުންނާއި އަދި 22 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.