ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އެމެރިކާގައި އިއްޔެ އެކަނިވެސް 884 މީހުން މި ބަލީގައި މަރުވެފައިވާކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީއިން އެކުލަވާލާފައިވާ ކޮވިޑް-19 ލައިވް ޓްރެކާގެ ރެކޯޑްތަކުން ދައްކައިފިއެވެ.

މިއީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނުނު ފަހުން 1 ދުވަހާ އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކުރި ދުވަސްވެސްމެއެވެ.

މިއަދުގެ މިވަގުތާ ހިސާބަށް ބަލާއިރުވެސް އެމެރިކާއިންވަނީ 8 މީހެއްގެ ފުރާނަ ގެއްލިފައެވެ. މިއާއެކު ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 5110 އަށް އަރާފައެވެ. މިއީ މި ބަލީގައި 3 ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން މި ބަލީގައި މަރުވި މީހުންގެ އަދަދު 13155 އަށް އަރާފައިވާއިރު، ދެން އެންމެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑްކޮށްފައިވަނީ، 9387 މީހުން މަރުވެގެން ރިޕޯޓްކުރި ސްޕްއިންއިންވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. މިއަދު އެކަނިވެސް 212 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 215215 އަށް އަރާފައެވެ. މިއީ ދުނިޔޭގެ ރެކޯޑަކަށް ވާއިރު، އެމެރިކާއިން ބުނަމުންދަނީ މި އަދަދު ގުޅިފައިވަނީ އެގައުމުން ފުޅާދާއިރާއެއްގައި ޓެސްކުރަމުންދާ ދިއުމާ ކަމަށެވެ.

ކަންމިހެން އޮތްއިރު، އެމެރިކާއިން ދަނީ ޗައިނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން ޗައިނާއިން ތަފާސް ހިސާބުތައް ފޮރުވަމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.