މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން ކުލި ނުދެއްކި، މާލޭގައި މަގުމަތިވުމުގެ ކުރިން އެމީހެއްގެ އަމިއްލަ ރަށަށް ބަދަލުވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ގިވާލައްވައިފިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، ދިރިއުޅުމުގައި ލިބޭ އާމްދަނީއާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު، ކަންކަން ދޫކޮށްލަން ޖެހޭ ކަމަށާއި ބައެއް އެޕާޓްމެންތަކުން ކުލި ކުޑަކޮށްދިނުމުންވެސް ކުއްޔަށް ހިފާފައި ތިބި ފަރާތްތަކަށް ކުލި ދެއްކުމަށް ދަތިތަކެއް ހުރިކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން އީސަ ވިދާޅުވެފައި ވަނީ މަގުމަތިވަންދެން ނުވަތަ ބަނޑަށް ޖެހެންދެން ތިބެގެން ނުވާނެ ކަމަށާއި މިއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ލިބޭ މިންވަރަކަށް ބަލައިގެން އުޅެން ޖެހޭ ކަމަށެވެ. ނުލިބޭ މިންވަރުން ކަންކަން ކުރަން ނޫޅުމަށާއި ކުލި ނުދެއްކި އެ ތަނަކުން ނެރެންދެކަ ތިބުމަކީ ކޮށްގެން ވާނެ ކަމެއް ކަމުގައި ނުދެކޭ ކަމަށާއި މިފަދަ ހާލަތެއްގައި އަނބިދަރިންނާއެކު ކިތަންމެ ނުރުހުނު ނަމަވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއިގެން އުޅެން ޖެހޭ ކަމަށްވެސް އީސަ ވިދާޅުވިއެވެ.

ހާލުގައި ޖެހި މަގުމަތިވެ އާއިލާ ނުބެލޭ ހިސާބަށް ދިއުމުގެ ކުރިން ފަރުދީ ޒިންމާ ނަންގަވައި. އަމިއްލައަށް ހިސާބެއް ޖައްސަވައި. މާލޭގައި ކުއްޔަށް އުޅެވޭނެކަމުގެ ޔަގީންކަން ނެތްނަމަ ކުއްޔަށް އުޅުއްވާތަން ދޫކުރައްވައި އަމިއްލަ ފަސްގަނޑަށް، ރަށަށް ވަޑައިގަންނަވާށޭ
މެންބަރު އީސަ

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އާއި ވިޔަފާރިވެރިންނަށާއި އެ ތަންތަނުގައި މަސައްކަތްކުރާ އެތައް ބައެއްގެ އާމްދަނީއަށް އަދީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ. އެކަމުން އަރައިގަތުމަށް ސަރުކާރއާއި އާންމުގެ ފަރާތްތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މާލޭގައި ދިރިއުޅޭ ގެ ތަކުގެ ބައެއް ވެރިން އެ ގެތަކުގެ ކުލި ކުޑަކޮށްދިނުމާއި ކުލި މައާފް ކޮށްދީފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އިންސްޓޯލްމަންޓާއާި ކުލި ދެމަހަށް 30 ޕަސެންޓަށް ވަނީ ކުޑަކޮށްދީފައެވެ.