ބޭރުފުށުން އަލާމާތްތަކެއް ނުފެނުނު ކަމުގައި ވީ ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވަމުންދާ ބަޔަކު އެބަތިބި ކަމަށް ޗައިނާއިން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނިގެން ރިޕޯޓްކުރި ޗައިނާއިން، މިފަދަ ވާހަކައެއް ހާމަކުރި ފުރަތަމަ ފަހަރަށް ވާއިރު، މިކަމާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ޗައިނާއިން ހަމަކޮށްފައިވާ މައުލުމާތަށް ބަލާއިރު ބޭރުފުށުން އަލާމާތްތައް ނުފެނި، ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1541 އަށް އަރައެވެ. މިއާއެކު ކޮވިޑް-19ގެ ދެވަނަ ތޫފާނީ ރާޅެއް ޗައިނާއަށް އަރާފާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެސިމްޓޮމެޓިކް ކޮވިޑް-19 ކޭސްއަކީ، ބޭރުފުށުން އެއްވެސް ވަރެއްގެ އަލާމާތެއް ނުފެނި، އެއްތަނުން އަނެއް ތަނަށް ވައިރަސް އުފުލާ ކޭސްތަކެކެވެ. މިފަދަ ކޭސްތަކުގެ ސަބަބުން އެކި ދިމަދާލުން ބައިގަނޑު ބައިގަނޑަށް މީހުން މި ވައިރަހަށް ޕޮޒިޓިވް ކުރުމުގެ ފުރުސަތު އޮވެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން ވަނީ އެސިމްޓޮމެޓިކް ކޭސްތަކާ ގުޅޭ ތަފާސް ހިސާބުތައް އާންމުކުރާނެ ކަމަށް ބުނެފައެވެ. މައުލުމާތު ލިބޭ ގޮތުގައި ބޭރުފުށުން އަލާމާތް ނުފެނި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 1541 މީހުން މިހާރު ތިބީ ހޮސްޕިޓަލުތަކުގައި، އޮބްޒަވޭޝަން މަރުހަލާގައެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުން ޗައިނާއަށް އިމްޕޯޓްވި 205 ކޭހެއް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

އެސިމްޓޮމެޓިކް ކޭސްތަކުގެ އިތުރުން، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 35 އާކޭހެއް އިމްޕޯޓް ކޭހުގެ ގޮތުގައިވެސް ޗައިނާއިންވަނީ ރެކޯޑްކޮށްފައެވެ. މީގެ ތެރެއިން ޗައިނާ ތެރެއިން 1 ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށްވެސް އެގައުމުންވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19ގެ އެކްޓިވް ކޭހުގެ ގޮތުގައި ޗައިނާއިން މިހާރު ރެކޯޑްކޮށްފައިވަނީ 2004 ކޭހެކެވެ.