ޖަރުމަނުވިލާތުގެ ހޮޓަލެއް އެކީއެކައްޗަކަށް ބުކް ކުރައްވާ، ގިނަ އަދަދެއްގެ ހާދިމުންނާ ޖާރިޔާއިންނާއެކު 'އެކަހެރިވެވަޑައިގެންނެވި' ތައިލަންޑްގެ ރަސްގެފާނު މަހާ ވަޖިރަލޯންގްކޯންއާއެކު ގެންނެވި 119 މީހެއްގެ ހަށިގަނޑުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަލާމާތްތައް ފެނިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޖަރުމަނު މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނާ ގޮތުގައި 20 ޖާރިޔާއިންނާއެކު ހޮޓަލުގައި 'އެކަހެރިވެވަޑައިގެން' ހުންނެވި ރަސްގެފާނަށް ޚިދުމަތް ކުރުމަށް އަރިހުގައި ގެންނެވި ފައުޖުގައި ތިބި 119 މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމާއެކު އެމީހުން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ނަމަވެސް މުޅި ހޮޓެލް ބުކް ކުރެއްވި ރަސްގެފާނަށް އެތަނުގައި ހުންނެވުމުގެ ހުއްދަ ދީފައިވަނީ ޖަރުމަނުވިލާތުގައި ތަންފީޒުކުރަމުންދާ ލޮކްޑައުން އަމުރާވެސް ހިލާފަށް ކަމަށް ޚަބަރު ލިބެއެވެ.

20 ޖާރިޔާއިންނާއެކު ޖަރުމަނުވިލާތުގައި ރަސްގެފާނު އެކަހެރިވެވަޑައިގެންވި ޚަބަރު ވައިރަލްވުމާއެކު، ތައިލޭންޑްގެ ރައްޔިތުންވަނީ ރަސްގެފާނެއް ހުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށް، ސޯޝަލް މީޑިއާގައި އިންތިހާ ރުޅިވެރިކަން ފާޅުކުރަން ފަށާފައެވެ.

އަރިހުގައި 20 އަންހެނުންގެ "ޖާރިޔާ-ޕޫލް"އަކާއެކު ޖަރުމަނުވިލާތުގެ ހޮޓަލުގައި ހުންނެވި ތައިލޭންޑްގެ މިހާރުގެ ރަސްގެފާނު އެކި ފަހަރު މަތިން 4 ކައިވެންޏެއް ކުރެއްވި ކަމަށް ރެކޯޑްތަކުން ދައްކައެވެ.