އަދު ތަޖުރިބާކުރަމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ، 2 ވަނަ ބޮޑު ހަނގުރާމައަށްފަހު މުޅި ދުނިޔެއަށްވެސް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގެ އިންޒާރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ދެއްވައިފިއެވެ.

ގުޓެރޭޒް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަމާއެކު ދުނިޔެއަށް ކުރިމަތިލާންޖެހިދާނެ އިގުތިސޯދީ އިނދަޖެހުމަކީ ކައިރި މާޒީގައި ދުނިޔެ ތަޖުރިބާކުރި ހީނަރުކަމަކަށްވުރެ ބޮޑު އިނދަޖެހުމަކަށް ވެގެން ހިނަގއިދާނެ ކަމަށްވެސް ގުޓެރޭޒް ވަނީ އިންޒާރު ކުރައްވާފައެވެ.

މިފަދަ މޭރުމަކުން ގުޓެރޭޒް އިންޒާރުތަކެއް ދެއްވާފައި މިވަނީ، ކޮވިޑް-19 ބަލިމަޑުކަމުގެ އިގުތިސޯދީ-އިޖުތިމާއީ ގެއްލުންތަކުގެ މައްޗަށް ބިނާކޮށް އދއިން އެކުލަވާލާފައިވާ ރިޕޯޓް ލޯންޗްކުރުމަށް ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.

ގުޓެރޭޒް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމަކީ އދ އުފެދުނު ފަހުން، ހުރިހާ އެންމެނަށް އެކުގައި އެ އިދާރާއަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނު ކަމަށެވެ. މިއާއެކު ގުޓެރޭޒް ވަނީ މި ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އެންމެން ގުޅިގެން މިހާރުން މިހާރަށް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

ގުޓެރޭޒް ލޯންޗްކޮށްދެއްވި ރިޕޯޓްގައިވާ ބައެއް ކަންކަމަށް ބަލާއިރު ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 25 މިލިއަން މީހެއްގެ ވަޒީފާ ގެއްލިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ފޮރިން އިންވެސްޓްމަންޓްތަކުގެ މިންވަރުވެސް 40 ޕަސެންޓް ދަށަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.