މާދަމާއިން ފެށިގެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ތިން ގަޑިއިރަށް މީހުން މަގުމައްޗަށް ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާ ކޮށްފިއެވެ.

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައެވެ. އަދި ސަރުކާރުވެސް ތިން ހަފްތާއަށް ބަންދުކޮށް ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ވެސް ވަނީ ތިން ހަފްތާއަށް ބަންދު ކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި އާއްމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނުގައި ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތަށް ވަނީ ގިނަގުނަ ބާރުތަކެއް ދީފައެވެ. އެ ގާނޫނުގެ ދަށުން ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާ ސޮއިކުރައްވާ ނެރެފައިވާ ދެންނެވުމެއްގައި ވަނީ މާދަމާއިން ފެށިގެން ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމުން ނިކުމެ އުޅުން ހުއްޓާލުމަށް އަންގަވާފައެވެ. އަދި ހަމަ އެ ގަޑިތަކުގައި އެއްގަމު އުޅަނދު ފަހަރާއި ބަހާއި ފެރީ އަދި ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

އެހެންނަމަވެސް ޑިރެކްޓަރު ޖެނެރަލްގެ އެންގެވުމުގައި ވަނީ އެ ފިޔަވަޅުތަކުން 10 ފަރާތެއް އިސްތިސްނާވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުން އެ ފިޔަވަޅުން އިސްތިސްނާވާނެއެވެ.

މީގެއިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި އުރީދޫއާއި ދިރާގާއި ބޭންކުތަކާއި އެސްޓީއޯއާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރާއި ޑިޕްލޮމެޓިކް އުޅަނދު ފަހަރާއި އެމްބިއުލާންސާއި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރުގެ އިތުރުން އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމުގައިވެއެވެ.

މި އެންގުމުގައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ތަބާވުމަށް އިލްތިމާސް ކޮށްފައިވެއެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކަށް ކިޔަމަން ނުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅިގެންދާނެއެވެ.