ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އައްޑޫއިން ސާމްޕަލް ނެގި ތިން މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އައްޑޫ ސިޓީ އިން ޓެސްޓް ކުރި ތިން ދިވެހިންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.
އައްޑޫއިން ސަމްޕަލް ނަގާފައި ވަނީ ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރު ކޮށްފައިވާ މީހަކާއި އޭނާ އާ ކޮންޓެކްޓް ވެފައިވާ ދެމީހުންނެވެ.އެ މީހާ ރާއްޖެ އައިތާ 14 ދުވާއިރު، އެ މީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުން އޭނާ ބެލި ޑޮކްޓަރާއި އެ ހޮސްޕިޓަލްގެ ދެ ނަރުހުން ތިބީ އައިސޮލޭޝަންގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެރޭ ދަންވަރު ޑޮކްޓަރަށް ދައްކަން ގޮސްފައި ވަނީ ރޯގާގެ އަލާމާތްތަކެއް ހުރެގެން ކަމަށް މައުލުމާތު ލިބެއެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތައް ބަލާއިރު، މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 18 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންނަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުން 4 ފަތުރުވެރިންނާއި 1 ސްޓާފެއް އަދި އަނަންތަރާ އައިލެންޑް ރިސޯޓުން 2 ފަތުރުވެރިން، ކުރަމަތި އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިން، ސޭންޑީސް ބަތަލާ ރިސޯޓުން 2 ފަތުރުވެރިން އަދި އައިލެންޑް ސަފާރީން 4 ފަތުރުވެރިންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންނަކީ އިނގިރޭސި ވިލާތުން އައި ތިން ދިވެހިންނެވެ.