ކޮވިޑް-19އާ ގުޅިގެން ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް ވަޒީފާ ދެއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވަނީ ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަނޑާ ނުލުމަށް ކަމަށާއި ރައީސްގެ އެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށެވެ. މުސީބާތުގެ ވަގުތުގައި އިތުރައް ހާލުގައި ޖެއްސުމަކީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށާއި ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް ޖާބިރުގެ ކުންފުނިން ވަޒީފާގެ ފުރުސަތު ހަމަޖެހިގެން ދާނެ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

މިވަގުތާ އެންމެ އެކަށީގެންވާ މުސާރައެއް ދެއްވާނެ ކަމަށާއި ހާލުގާ ޖެހުނަ ނުދެއްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވެފައި ވަނީ ހުރިހާ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާލަތުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ބައެއް ރިސޯޓުތަކުން ވަޒީފާއިން ކަނޑާލުމާއި އޮޓީ ނުދީ އިތުރު ގަޑީގެ މަސައްކަތް ކުރުވާ ކަމުގެ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަށް ކޮވިޑް-19 އާ ގުޅިގެން 219 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ އިއްޔެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ މިހާތަނަށް 50 ރިސޯޓެއް ބަންދުކޮށްފައި ވާއިރު، ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން މަސައްކަތް ކުރާ ގިނަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އެ ބަންދުކުރި ބައެއް ރިސޯޓުތަކުގައި އުޅޭ މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ތިބުމަށްވެސް އެދިފައެވެ.

މި ހާލަތުގައި ވަޒީފާގައި ތިބި މީހުންގެ ވަޒީފާ ދެމެހެއްޓުމަށްޓަކައި ސަރުކާރުން ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭއިރު އެހީ ފޯރުކޮށްދެމުން ދަނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭ ހަރުކަށި ޝަރުތުތަކާއެކުގައި ކަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރުގައި ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީއާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް ގާއިމް ކޮށްފައިވާ ޕޯޓަލްއެކެވެ.