ވިޔަފާރިވެރިންނަށް ހުރަސް އެޅުމަކީ މަޖިލީހާއި ސަރުކާރަށް ހެދޭނެ އެންމެބޮޑު ގޯސް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއަށް މިވަގުތު ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ސަރުކާރާއި މަޖިލީހުން ވިޔަފާރިވެރިންނަށް ހުރަސް އަޅަމުންދާ ކަމަށެވެ.
އެކަމުން ގެއްލިގެން ދަނީ އެތައް މުވައްޒަފުންނެއްގެ ވަޒީފާއެއް ކަމަށާއި ގެއްލިގެން އެތައް އާއިލާއެއް ކަމަށެވެ.
ސައީދު އެހެން ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލީހުގައި ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިންކަމް ޓެކްސް ނަގަން އެންމެ ބޭނުންވާ ވަގުތަކީ މިއީ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.
މީގެ އިތުރުން ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ޕެކޭޖްގެ ދަށުން ދޫކުރާ ލޯނުތަކަށް އިޝާރާތް ކުރައްވަމުން އީވާ ވިދާޅުވީ ސަރުކާރުން މި ދަނޑިވަޅުގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެނީ ވިޔަފާރިތަކުގައި ތިބި މުވައްޒަފުންގެ ވަޒީފާ ހިމާޔަތް ކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް މަގުފަހި ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ތިކަލަހަލަ ފިތުނަވެރި ވާހަކަ ދައްކާކަށް ނުވާނެ. ޢ