ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން، ރިސޯޓްތަކަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ރިސޯޓަކަށް އެރި މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ޕީޖީއަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ރިސޯޓްތަކަށް ދަތުރު ނުކުރުމަށް އަންގާފައިވާ އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި 33 އަހަރުގެ މީހެއްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާކޮށް، ހއ. ކެލާ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވީއިރު، ބައެއް ހާލަތްތަކުގައި އެ އަދަބު އެއަށް ވުރެ ކުޑަވުމުގެ ނުވަތަ ބޮޑުވުމުގެ ފުރުސަތު ވެސް އޮވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެ އިއުލާނުގެ ދަށުން ޓޫރިސްޓުން ރަށްރަށަށް އެރުވުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ އެންގުމާ ހިލާފަށް ރިސޯޓްތަކަށް އެރުމާއި ރިސޯޓްތަކުން ރަށްރަށަށް ދަތުރު ކުރުމުގެ މައްސަލަތަކުގައި ބައެއް މީހުން ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 17 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން 2 މީހަކީ އިޓަލީގެ ދެ ފަތުރުވެރިންނެވެ. އަދި އެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް 2 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.