މިހާތަނަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބެމުންއައި ރިސޯޓުތަކުން މުވައްޒަފުންނަށް ދެތިން މަހުގެ މުސާރަ ނުދެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން، 50 އަށް ވުރެ ގިނަ ރިސޯޓުން 11،000 އަށް ވުރެ ގިނަ މުވައްޒަފުން ގަދަކަމުން ނޯޕޭ ލީވަށް ފޮނުވާފައިވާ ކަމަށާއި އެ ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައިން އުނި ކުރަމުން ދާކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ރަނގަޅު އާމްދަނީއެއް ހޯދަމުންދާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ހަތަރު ފަސް މަހުގެ މުސާރަ ދެވޭވަރުގެ "ކޮންޓިޖެންސީ ޕްލޭން" އެއް ނޯންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

ސަރުކާރުން ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭއިރު އެހީ ފޯރުކޮށްދެމުން ދަނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭ ހަރުކަށި ޝަރުތުތަކާއެކު ކަމަށް ވިދާޅުވެ، އެފަދަ އެހީއެއް ދެވޭއިރު، އެ އެހީ ދެވޭ މަގުސަދު ހާސިލް ވޭތޯ ބެލުމަކީ ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް މީކާއިލްގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ. ސަރުކާރުން ހަރަދު ކޮށްގެން މިފަދަ އެހީތައް ދޭއިރު، އެންމެ މީހެއްގެ މުސާރައިންވެސް އުނިވެގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ފަދަ ލޯނުތަކާއި އެހީތައް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ އިރު، މުވައްޒަފުންގެ ހައްގުތައް ގެއްލިގެންދާ ފަދަ އަމަލުތައް ކުރިއަށް ދާނަމަ ސަރުކާރުން އެފަދަ ކަންކަމާ ވިސްނާ ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭނެކަމަށް ވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް 50 ރިސޯޓެއް ބަންދުކޮށްފައި ވާކަން ސަރުކާރުން ހާމަކޮށްފައި ވާއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވާތީ، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ލޯނު ދޫކުރުމާއި، އެނޫންވެސް ގިނަ ގުނަ ލުއިތައް ވިޔަފާރި ކުރާ ފަރާތްތަކަށް ހަމަޖައްސައި ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިއިނާޔަތް ދިނުމުގައި މުވައްޒަފުން ވަޒީފައިން ވަކި ނުކޮށް، މުވައްޒަފުންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދޭ ފަރާތްތަކަށް ސަރުކާރުން އިސްކަން ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.