ގެސްޓް ހައުސެއްގައި މަރުވެފައި އޮއްވާ މިއަދު ފެނުނު ބިދޭސީ މީހާ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މަރުވެފައި އޮއްވާ މިއަދު ފެނުނު ބަންގްލަދޭޝް މީހާއަކީ ޑެންގީ ބައްޔަށް ފަރުވާ ހޯދުމަށް އޭޑީކޭ ހޮސްޕިޓަލަށް ދައްކާފައިވާ މީހެއް ކަމަށެވެ. އަދި ޑެންގީ ބައްޔަށް އެމީހާގެ އިތުރު ޓެސްޓުތަކެއް ހަދަމުންދާ ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުމުން ކޮވިޑަށް ޓެސްތު ކުރެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން އެ ނަތީޖާ ވަނީ ނެގެޓިވް ވެފައި ކަަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކާސިންޖީ މަގުގައި ހުރި ގެސްޓްހައުސެއްގައި ބަންގްލަދޭޝް ފިރިހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ އެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:10 ހާއިރެވެ. އެމީހާއަކީ މ. ކޮޅުފުށިން އައި މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ ބަނޑަށް ތަދުވާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ކަމަށާއި މިއަދު ވެސް ޑޮކްޓަރަށް ދެއްކުމަށް ދާން ޖެހޭ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ މި ބިދޭސީ މީހާ ހުންއައިސް ހޮޑުލައިފައި ވެއެވެ. އޭނާ މަރުވެފައި ވާކަން އެނގިފައި ވަނީ އޭނާ ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް އޭނާގެ ރައްޓެއްސަކު އޭނާ ބަލައި މިއަދު ހެނދުނު ދިއުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި މީހާއަކީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ރާއްޖޭގައި މިހާކު މަރުވި ފަހުން ކޮވިޑަށް ޓެސްޓު ކުރެވުނު މީ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ވިލިމާލޭގައި ޖޯއްޔެއްގައި އޮތް މީހަކު މަރުވެފައި ވީ ނަމަވެސް އެމީހާ ކޮވިޑަށް ޓެސްޓު ކޮށްފައެއް ނުވެއެވެ. އެމީހާއަކީ ސެކިއުރިޓީ އޮފިސަރެއްގެ މަސައްކަތް ކުރި އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ އިތުރުން މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު އިތުރު އެހެން މީހެއްގެ ޓެސްޓެސްވެސް ހަދާފައެއް ނުވެއެވެ.